އަދީބު ބޭރަށް ފޮނުވުމުގެ މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ
އަދީބު ބޭރަށް ފޮނުވުމުގެ މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލަ ހައްލު ނުވުމުން، ޝަރީއަތް ހިންގަން ނިންމައިފި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބަލަން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ އެ މައްސަލަ ޝަރީއަތަށް ފޮނުވައި ދިނުމަށެވެ. އެހެންވެ، ދެން އެ މައްސަލާގައި ގޮތެއް ނިންމާނީ ޝަރީއަތް ހިންގައިގެންނެވެ.

އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، އޭނާގެ ލޮލަށް ގްލުކޮމާ ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެކަންކަމަށް ފަރުވާ ހޯދަން އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެދުނަސް، ސަރުކާރުން ބުނެފައިވަނީ އަދީބު ބޭރަށް ފޮނުވައިފި ނަމަ އޭނާ ފިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ތަފާތު ތިން މައްސަލައެއްގައި ކުށް ސާބިތުވެ، އަދީބުގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އިތުރު ދައުވާތަކެއް ވެސް އަދީބާ ދެކޮޅަށް ކޯޓުގައި ދަނީ ހިނގަމުންނެވެ.