ދިރާގު ޓީވީން ފުރަތަަމަ ފަހަރަށް ރާއްޖޭގައި ޑިޒްނީ ޗެނަލްތައް ދައްކަނީ
ދިރާގު ޓީވީން ފުރަތަަމަ ފަހަރަށް ރާއްޖޭގައި ޑިޒްނީ ޗެނަލްތައް ދައްކަނީ

ދިރާގު ޓީވީން، އެތައް މިލިޔަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑިޒްނީ ޗެނަލް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދައްކަން ފަށައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދައްކަން ފަށާފައި ވަނީ ޑިސްނީ ޗެނަލް، ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ އަދި ޑިސްނީ ޖޫނިއާގެ އިތުރުން ޑިސްނީ އެކްސްޑީ އެވެ.

ދިރާގުން ބުނީ ޑިސްނީ ޗެނަލުން ދައްކާނީ ހަތަރު އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތައް ކަމަށެވެ. ޑަކް ޓޭލްސް، އެލީނާ އޮފް އެލެވޭޓާ، އާޓް އެޓޭކް، ޕީޖޭ މާސްކްސް އަދި ޑޯރޭމޮން ފަދަ އެތައް މަޝްހޫރު ޝޯތަކެއް އެ ޗެނަލް އިން ދައްކާނެ އެވެ. އަދި ޑިޒްނީ އެކްސްޑީ އަކީ ވެސް ކުޑަކުދިންނަށް ހާއްސަ ޗެނަލެކެވެ. އެގޮތުން ކުޑަކުދިން ޝައުގުވެރިވާ، މަޝްހޫރު ގިނަ ޝޯ ތަކެއް އެ ޗެނަލް އިން ވެސް ދައްކާނެ އެވެ.

ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ އަކީ ޒުވާނުންނަށް ހާއްސަ، ދުނިޔޭގެ ފެންވަރުގެ އިނގިރޭސި ކޮންޓެސްޓުތައް ގެނެސްދޭ ޗެނަލެކެވެ. އެ ޗެނަލުގެ އެންމެ ހިޓު ޝޯ ތަކުގެ ތެރޭގައި ލިވް އެންޑް މެޑީ، ކޭ.ސީ. އަންޑަކަވާ އަދި ގާލް މީޓްސް ވޯލްޑް ހިމެނެ އެވެ.

ޑިޒްނީ ޖޫނިއާ އިން ދައްކާނީ، އުމުރުން ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނާ އެކަށީގެންވާ ޕްރޮގްރާމްތަކެވެ. އެގޮތުން މަޝްހޫރު މިކީ މައުސް ކްލައުބް ހައުސް، ޑޮކް މެކްސްޓަފިންސްގެ އިތުރުން ސޯފިއާ ދި ފަސްޓްގެ ޝޯތައް ދައްކާނީ އެ ޗެނަލުންނެވެ.

ޗެނަލްތައް ތައާރަފް ކުރުމަށް ފަހު، ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫން ވިދާޅުވީ މިފަދަަ މަޝްހޫރު ޗެނަލްތަކެއް ދިރާގު ޓީވީ މެދުވެރިކޮށް ރާއްޖޭގައި ދައްކަން ފެށުމަކީ އެ ކުންފުނިން ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.