10 ޖުލައި 2016 - 18:08

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަނަކަށް ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު ބުނީ ސާންތީ ޗެއާމަން ކަމަށް ހަމަޖެއްސީ ސަރުކާރުން އޭނާގެ ނަން ފޮނުވުމުން އެކަން ދިރާސާ ކުރުމަށް ފަހު އޭނާ އަކީ އެ މަގާމު ފުރުމަށް ގާބިލު މީހެއް ކަމަށް ވުމުން ކަމަށެވެ.
ސާންތީ އަކީ ދިވެހި ރާއްޖެ ފުޓްބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ އެސިސްޓެންޓް ކޯޗެވެ. ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުގެ އިތުރުން ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް މެންބަރެކެވެ. އަދި މިދިޔަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކީ ވެސް ސާންތީ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގައި ބުނާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ރަޖިސްޓްރީކޮށްފައިވާ އިރު އެ ކޯޕަރޭޝަނަކީ ކުޅިވަރު ގާނޫނުގެ ދަށުން ސަރުކާރުން 100 ޕަސެންޓް ހިއްސާވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.