26 ޑިސެމްބަރ 2017 - 06:29

އިންސާނުން ދިރިތިބެން ފެނަކީ އެންމެ މުހިންމު ބަ އެވެ. ނަމަވެސް އެއްވެސް އެއްޗެއް މާ ގިނައިން ބޭނުންކުރުމުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެ އެވެ. ކަން އޮތީ އެހެން ނަމަވެސް ތަފާތު ބަލިތައް ޖެހިފައިވާ މީހުން ބައެއް ފަހަރަށް އާދަޔާ ހިލާފު ގޮތްތަކަށް އަމަލްކުރަން ޖެހެ އެވެ.
ޖަރުމަނުގެ އާކިޓެކްޓެއް ކަމަށްވާ މާކް ވުބެންހޯސްޓް އަކީ ފެނާ ގުޅޭ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައިވާ މީހެކެވެ. މިހާރު އުމުރުން 36 އަހަރުގެ މާކް ދިރިހުންނަން ކޮންމެ ދުވަހަކު 20 ލީޓަރު ފެން ބޯން މަޖްބޫރެވެ. އޭގެ މާނައަކީ ފެން ބޯން ހަދައިގެން އޭނާއަށް ރެއަކާއި ދުވާލު ނިދާލެވެނީ ވެސް އެންމެ ދެ ގަޑިއެއްހާއިރު ކަމަށް ވުމެވެ.
މާކްއަށް ޖެހިފައިވަނީ ދުނިޔޭން ވަރަށް މަދުން ނޫނީ ފެނިފައި ނުވާ ޑައިބެޓީސް އިންސިޕިޑަސް ކިޔާ ބައްޔެކެވެ. މި ބަލީގެ ސަބަބުން މާ ގިނައިން ކުޑަކަމުދެވޭތީ މާކް ހުންނަނީ އަަބަދުވެސް ކަރުހިއްކައިގެންފަ އެވެ. ފެން ބުއިމާ އެކު ވަގުތުން އޭނާއަށް ކުޑަކަމުދާން ޖެހެ އެވެ. ސަބަބަކީ އޭނާގެ ހަށިގަނޑުގައި ފެން ހިފެހެއްޓުމުގެ ގާބިލްކަން ނެތީމަ އެވެ.
ރޭގަނޑު ވެސް މާކް ނިދަނީ ކުޑަ ވަގުތުކޮޅަކަށެވެ. އެއީ ފެން ނުބޮއިފި ނަމަ ފުރާނައަށް ގެއްލުން ވެދާނެތީ އެވެ. އެންމެ ގިނަވެގެން ވެސް ފެން ނުބޮއި މާކްއަށް ހުރެވޭނީ އެންމެ ގަޑިއެއްހާ އިރަށެވެ. މާ ގިނަ މިންވަރަކަށް ފެން ބުއިމަކީ ވެސް އޭނާގެ ފުރާނައަށް ނުރައްކާ ކަމެކެވެ.
ހަށިގަނޑުގައި ފެން ގިނަވެއްޖެ ނަމަ ސިކުނޑިއަށް ވެސް އޭގެ އަސަރުކޮށްފާނެ އެވެ. މާކް އަށް ޖެހިފައިވާ ކަހަލަ މައްސަލަތައް ހުރި ބައެއް މީހުންނަށް މާ ގިނައިން ފެން ބޮވިގެން މަރުވެފައިވެ އެވެ.
މިހާރު މި އާކިޓެކްޓް ބޭނުންވަނީ މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވާށެވެ. ސަބަބަކީ އޭނާއާ ދިމާވާ ބައެއް ޑޮކްޓަރުންނަށް ވެސް މި ބަލީގެ މައުލޫމާތު ލިބިފައި ނުހުންނާތީ އެވެ. ފެނާ ނުލާ މާކްއަށް އެއްވެސް ކަމެއް ނުވިސްނެ އެވެ. އަދި ފެން މަދުވުމުން ހުން އައިސް ޚަބަރު ހުސްވާ ގޮތް ވެއެވެ.
ފެން ވިހަވެގެން ވޯޓާ ހައިޕޮނެޓްރީމިއާ ކިޔާ ބައްޔެއް ޖެހުމުގެ ފުރުސަތު ވެސް މާކް އަށް އެބަ އޮތެވެ. މިހެން ދިމާވަނީ މާ ގިނައިން ފެން ބުއިމުން ލޭގައި ހުންނަ ލޮނުގެ ބައި މާ ބޮޑަށް ދަށްވާތީ އެވެ. މިއީ މަރުވުން ވެސް ކައިރި މައްސަލައެކެވެ.
ކެލިފޯނިއާގެ ތިން ކުދިންގެ މަންމައަކު މާ ގިނައިން ފެން ބުއިމުގެ ސަބަބުން 2007 ގައި މަރުވި އެވެ. މުބާރާތެއްގައި ބައިވެރިވެ އޭނާ ވަނީ އެއް ގަޑިއިރުގެ ތެރޭގައި ހަ ލީޓަރު ފެން ބޮއިފަ އެވެ.