26 ޑިސެމްބަރ 2017 - 06:30

މިޒަމާނުގައި ކޮންމެ މީހަކު ވެސް އުޅެނީ ވަރަށް ބިޒީ ދިރިއުޅުމެކެވެ. ބޭނުމެއް ޖެހިފައިވާ މީހަކަށް އެހީތެރިވާން އިސްނަގަނީ ވަރަށް މަދު ބައެކެވެ. އެމީހަކު ދިރިއުޅޭ މުޖުތަމައާ ގުޅޭ ގޮތުން ކޮންމެ މީހަކު ވެސް ދައްކަން އޮންނަނީ ކޮންމެވެސް ހިތްހަމަނުޖެހޭ ކަމެއްގެ ވާހަކަ އެވެ. ނަމަވެސް އިންޑިޔާގެ ޒުވާން އަންހެންކުއްޖަކު މިފަހަރު ކިޔައިދޭން އޮތީ ވަރަށް ރަނގަޅު މީހެއްގެ ވާހަކަ އެވެ.
ވަރިޖަޝްރީ ވެނުގޯޕާލް އަކީ، ވިސާ އިންޓަވިއުއަކަށް އެހެން ސަހަރަކުން ހައިދަރްއާބާދަށް ޒިޔާރަތް ކުރި މީހެކެވެ. އޭނާގެ އަތުގައި ނަގުދު ފައިސާއެއް ނެތެވެ. އޭނާއަށް ފައިސާ އެންމެ މުހިއްމުވީ ވަގުތު އެއްވެސް އޭޓީއެމްއަކުން ފައިސާއެއް ވެސް ނުނެގުނެވެ. ބީރައްޓެހި ސަހަރެއްގައި މި ޒުވާން އަންހެންމީހާ ހަދާނެ ގޮތް ހުސްވި އެވެ. ފައިސާ ލިބިގެން ނޫނީ ވިސާ އަށް ބޭނުންވާ 5000 ރުޕީސް ދެއްކޭނެ ގޮތެއް ނެތެވެ.
"ހައިދަރު އާބާދުގެ އޮޓޯ ޑްރައިވަރަކު އަހަންނަށް އެހީތެރިކަން ފޯރުކޮށްދިނީ. އަހަރެންގެ ވިސާ އިންޓަވިއު އަށާއި ޚަރަދު ކުރަން ފައިސާ މަދުވެގެން އޭޓީއެމުން ފައިސާ ނެގޭނެ ގޮތެއް ނުވި. އަހަރެން 10 ވަރަކަށް 15 ވަރަކަށް އޭޓީއެމް އަށް އޮޓޯ ޑްރައިވަރާ އެކު ދިޔައިން،" ވެނުގޯޕާލް ބުންޏެވެ.
އޭނާ ފައިސާ ނުނެގިގެން އުޅުނީ ހަގީގަތުގައި ވެސް ހައިދަރުއާބާދުގެ އޭޓީއެމްތަކަށް މައްސަލައެއް ދިމާވި ދުވަހެއްގަ އެވެ. ވެނުގޯޕާލް ބުނީ ވަރަށް ގިނަ ފިހާރަތަކުގައި ވެސް ކާޑުން ކަނޑާފައި ފައިސާ ދޭން އެދުނު ނަމަވެސް ނުދަންނަ ބީރައްޓެހި ރަށެއްގައި އޭނާއަށް އެހީތެރިވާން އެއިން ފިހާރައަކުން ވެސް ބޭނުން ނުވި ކަމަށެވެ.
"އެވަގުތު އަހަރެން ގޮވައިގެން އޭޓީއެމްތަކަށް ދިޔަ އޮޓޯ ޑްރައިވަރު އަހަންނަށް އެހީތެރިވެ އޭނާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ދިނީ ފަހުން ދޭ ގޮތަށް،" ހައިދަރުއާބާދު ދަތުރަށް ފަހު އެނބުރި ރަށަށް ގޮސް އޭނާގެ ފޭސްބުކްގައި ހާދިސާ ކިޔައިދެމުން ވެނުގޯޕާލް ލިޔުނެވެ.
"އޭނާ ބުނި މިހާރު ފައިސާ ހިފާފައި ބޭނުންވާ ކަންތައްތައް ކޮށްލާށޭ. ފަހުން ހޮޓަލަށް ގޮސް ފައިސާ ހޯދާފައި ދޭށޭ."
އޭގެ ކުރިން ދުވަހަކު ވެސް ބައްދަލުވެފައި ނެތް މީހެއްގެ ފަރާތުން އެފަދަ އިހްސާންތެރިކަމެއް ލިބުމުން ވެނުގޯޕާލްގެ ބަސް ހުއްޓުނެވެ. އަމިއްލަ އެދުމެއް ނެތި އަދި ނުވެސް ދަންނަ މީހަކަށް އެކަހަލަ ގޮތަކަށް އެހީވުމުން ވެނުގޯޕާލްގެ ހިތް ޝުކުރުން ފުރުނެވެ.
އެ ދުވަހު އެމީހާ އެހީނުވި ނަމަ އޭނާއަށް އެނބުރި ދާން ޖެހުނީހީ ކުރަން އައި ކަންތައް ނުކުރެވި އެވެ.
ވެނުގޯޕާލް ވަނީ ޑްރައިވަރަށް އެ ފައިސާ އަނބުރާ ދީފަ އެވެ. ނަމަވެސް އިނާމަކަށް އިތުރު އެންމެ ރުފިޔާއެއް ވެސް ބޭނުމެއް ނުކުރި އެވެ.
"އިންސާނިއްޔަތުކަން އަދިވެސް މަރުނުވާކަން އެ ދުވަހު އަހަންނަށް ޔަގީން ކުރެވުނު،" ވެނުގޯޕާލް ބުންޏެވެ.