ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ
ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ

ޔަމަނަށް އަަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރު އެ ގައުމުން މަޑުމަޑުން ނެތެމުންދާ ކަމަށް ޔަމަން ސަރުކާރުން ބުނަން ފަށައިފި އެވެ.

ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ
ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ

ޔަމަން ސަރުކާރުގެ ސިފައިން ބުނި ގޮތުގައި އަލްބައިޟާ ގަވަރްނަރޭޓްގެ ބައެއް ސަރަހައްދުތައް މިހާރު ވަނީ ހޫތީންގެ އަތް ދަށުން މިނިވަން ކުރެވިފަ އެވެ. ސައޫދީ އެކުލަވާލާފައިވާ ގުޅިފައިވާ އަސްކަރީ ލަޝްކަރުގެ މަދަދާ އެކު ޔަމަން ސިފައިން ދެމުންދާ ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިން ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގައި ހޫތީންނަށް ހަތިޔާރު ފޮނުވައި އެހެނިގެން ގޮތްގޮތުން އެހީތެރިވެދެނީ އީރާނުން ކަމަށް ސައޫދީ އާއި ވިލާތުގެ ގައުމުތަކުން ބުނެ އެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެ އެވެ.

ގުޅިފައިވާ ލަޝްކަރުން ބުނި ގޮތުގައި ޔަމަން ސަރުކާރުގެ ސިފައިންނަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން އިއްޔެ ދޭން އުޅުނު ބެލެސްޓިކް މިސައިލްގެ ހަމަލާއެއް ވެސް ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒް އަށް ފޮނުވައިލި ބެލެސްޓިކް މިސައިލެއް ވެސް ވައިގެ ތެރޭގައި ދަތުރު ކުރަނިކޮށް ސައޫދީ އަސްކަރިއްޔާ އިން ވަނީ ހަމަލާދީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.

އަނެއްކޮޅުން، އީރާންގެ އަސްކަރީ ތަޖުރިބާކާރުންނާއި ހިޒްބު ޖަމާއަތުން ތައްޔާރު ކޮށްފައިވާ ސިއްރު ރިޕޯޓްތަކެއްގައި ބުނެފައިވާ ގޮތުގައި ޔަމަންގައި ހޫތީ ހަނގުރާމަވެރިން ވަނީ ވަރަށް ބޮޑަށް ބަލިވެ ބައިބައިވެފަ އެވެ. މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހޫތީންނާ ކުރިން ބައިވެރިވެގެން އުޅުނު ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް، އެ ޖަމާއަތާ ވަކިވެ ސައޫދީ ކޯލިޝަނާ ގުޅުން އުފައްދަން ފެށުމާ އެކު، ހޫތީން ވަރަށް ބޮޑަށް ބަލިކަށިވެ ހޫތީ ހަނގުރާމަވެރިންގެ ސަފުތައް ވަނީ ރޫޅިފަ އެވެ.

އޭގެ އިތުރުން އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ދިން ހަމަލާތަކުގައި، ހޫތީންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ވެސް ރަނގަޅަށް ތަމްރީން ލިބިފައި ތިބި ހަނގުރާމަވެރިން ގިނަ އެވެ. އެހެންކަމުން މިހާރު މައިދާނަށް ނުކުމެ ހަނގުރާމަ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަމުން ދަނީ އެކަށީގެންވާ އަސްކަރީ ތަމްރީން ނެތް މީހުން ކަަމަށް އެ ރިޕޯޓްގައިވެ އެވެ.

އެ މައްސަލައިގައި ރުޅިގަދަވެގެން ހޫތީން ހަމަލާދީ އަލީ އަބްދުﷲ ސޯލިހް ވަނީ މި މަހުގެ ކުރީކޮޅު އަވަހާރަ ކޮށްލައިފަ އެވެ. (އަލް އަރަބިއްޔާ)