ވޯލްޑް ކަޕުގެ ޓްރޮފީ އަންނަ މަހު ރާއްޖެ އަށް!
ވޯލްޑް ކަޕުގެ ޓްރޮފީ އަންނަ މަހު ރާއްޖެ އަށް!

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ކުރިން މުބާރާތުގެ ޓްރޮފީ ދުނިޔޭގެ އެކި ގައުމުތަކަށް ގެންދިއުމަށް ކުރާ ދަތުރުގައި ރާއްޖެ ހިމެނޭ ކަމަށް ފީފާ ވެބްސައިޓުން ބުނެފި އެވެ.

ފީފާގެ ރަސްމީ ވެބްސައިޓުގައި ޖަހާފައިވާ ޝެޑިއުލުގައި ބުނާ ގޮތުން ޓްރޮފީ ރާއްޖެ އަށް ގެންނާނީ ޖެނުއަރީ 24 އިން 25 އަށެވެ.

މިކަމާ ބެހޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އަދި މުޅިން ހަމަނުޖެހޭ ކަމަށާއި އެކަމަކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާގައި ޓްރޮފީ އެކި ގައުމުތަކަށް ގެންދަނީ އެކަމަށް ހާއްސަ ޖެޓެއްގަ އެވެ. މި ފަހަރުގެ ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 22 ގައި އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. ޝެޑިއުލުގައި ހިމެނޭ ފާހަގަކޮށްލެވޭ އެހެން ސިޓީތަކުގެ ތެރޭގައި ސްރީ ލަންކާގެ ކޮލަމްބޯ އާއި ތައިލެންޑުގެ ޕުކެޓާއި ޕާކިސްތާނުގެ ލާހޫރާއި ފަލަސްތީނުގެ ރާމަﷲ އާއި ޔޫއޭއީގެ ޑުބާއީ އާއި ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި ކޭޕް ޓައުން ހިމެނެ އަދި މިސްރުގެ ކެއިރޯ އާއި އިޓަލީގެ ރޯމާއި ނޭޕެލްސް އާއި ފްރާންސުގެ ޕެރިސް އަދި އެމެރިކާގެ ނިއު ޔޯކް ސިޓީ އާއި މަޔާމީ އަދި ލޮސް އެންޖެލްސް އަށް ވެސް ޓްރޮފީ ގެންދާނެ އެވެ.

ޓްރޮރީ ޓުއާގައި އާއްމުކޮށް ކުރިއަށްދަނީ ދެ ހަރަކާތެކެވެ. އެއީ އެ ގައުމެއްގައި ޓްރޮފީ ލޯންޗްކުރުމަށް ބާއްވާ ހާއްސަ ހަފުލާއެއްގެ އިތުރުން އާއްމުނަށް ދައްކާލުމަށް ބާއްވާ އިވެންޓެކެވެ. އެގޮތުން ޓްރޮފީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންނަށް މިހާރު ދޭ ޓްރޮފީ އަކީ 1974 ވަނަ އަހަރު ތައާރަފްކުރި ޓްރޮފީއެކެވެ. އެއީ ކުރިން ދެމުން އައި ޖޫލްސް ރިމޭ ޓްރޮފީ ބްރެޒިލުން މިލްކުކުރުމުންނެވެ. އެކަމަކު މިހާރުގެ ޓްރޮފީ މިލްކުކުރުމުގެ ފުރުސަތެއް މުބާރާތުގެ ގަވާއިދުން ނުދެ އެވެ.

ޗެމްޕިއަން ޓީމަށް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ދޭނީ 18 ކެރެޓު ރަނުން ހަދާފައިވާ އޮރިޖިނަލް ޓްރޮފީ އެވެ. އެއަށް ފަހު އެ ގައުމުގައި ބަހައްޓަން ދޭނީ ރަނުން ޕްލޭޓްކޮށްފައިވާ ބްރޮންޒް ޓްރޮފީއެކެވެ. އޮރިޖިނަލް ޓްރޮފީގެ ބުޑުގައި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމުތަކުގެ ނަން ޖަހާފައިވެ އެވެ.