25 ޑިސެމްބަރ 2017 - 11:01

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލް ކަމުން ޝައްމޫން ހަމީދު ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު 2012 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދެވި ޝައްމޫން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، އެ މަގާމުން ވަކިކުރީ އެ ކޮމިޝަނަށް އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރަންޖެހޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނައުމުންނެވެ.
އެ މައްސަލަ ޝައްމޫންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން އިއްޔެ ނިންމާފައިވަނީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށެވެ.
ޝައްމޫން ވަކިކުރުމުން، އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިހާރު ވަނީ އައްޔަންކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ޝައްމޫން ވަނީ އެ ކޮމިޝަންގެ އެހެން ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ. އޭނާއަކީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ބޭފުޅެކެވެ. ޝައްމޫނަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.