26 ޑިސެމްބަރ 2017 - 06:33

ގިނަ މީހުންނަށް ހީވެފައި އޮންނަނީ މަޝްހޫރު ތަރިއަކު ބައިވެރިކޮށްފި ނަމަ ފިލްމު ފެއިލްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވަނީ އެހެން ނޫންކަން މި އަހަރު ރިލީޒްކުރި ފިލްމުތަކަށް ދިމާވި ނާކާމިޔާބުން ޔަގީންވެ އެވެ. ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި ސަލްމާން ޚާންގެ "ޓިއުބުލައިޓް" ގެ ތަރިން ކިތަންމެ މަޝްހޫރަސް ފިލްމުތައް ވީ ފްލޮޕެވެ. ދާދި ފަހުން ސަލްމާން ދިން އިންޓަވިއުއެއްގައި ވެސް އެކަމާ އެއްބަސްވި އެވެ.
"ޓިއުބުލައިޓް"ގެ ނާކާމިޔާބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ މަޝްހޫރު ތަރިންނަށް ހުރިހާ ކަމެއް ވާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ފިލްމުގައި ވަކި މީހަކު ބައިވެރިވުމަކީ އެ ފިލްމެއް ކާމިޔާބުވާނެކަމުގެ ގެރެންޓީ ލިބޭނެ ކަމެއް ނޫން ކަން އޭނާގެ ފިލްމުގެ ނާކާމިޔާބުން ސާބިތުވެއްޖެ ކަމަށް ސަލްމާން ބުންޏެވެ. އަދި އޭނާ ގަބޫލުކުރަނީ އެއަށް ވުރެ ރަނގަޅަށް ޕާފޯމްކުރުމުގެ ޕްރެޝަރު ބޮޑުވެއްޖެ ކަމަށެވެ.
"ދަބަންގް"ގައި ވަރުގަދަ ރޯލެއް ކުޅެފައިވާ ސަލްމާން ބުނީ ފިލްމުތަކުގައި އޭނާ ރޯ ތަން ފެނުމަކީ އޭނާގެ ފޭނުން ވަރަށް ނަފުރަތުކުރާ ކަމެއް ކަމަށެވެ. ސަބަބަކީ ވަރުގަދަ އެކްޝަން އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން އޭނާ ބަލައިގެންފައި ވާތީ އެވެ.
"އަހަރެންގެ ފިލްމުތައް ބަލާއިރު ފޭނުން ބޭނުންވަނީ ހިތްހަމަޖެހޭ އުފާވެރި، މަޖާ ވަގުތުތަކެއް ހޭދަކުރަން. "ޓިއުބުލައިޓް"ގައި އަހަރެން އުޅުނު ގޮތުން އެމީހުންނަށް ލިބުނީ ބޮޑު ޝޮކެއް. އެމީހުން ވެސް ތިބީ ރުޅިއައިސް ހިތްހަމަނުޖެހިފައި. އެހެން މީހަކު އެމީހުންގެ 'ބާއީ' ގައިގައި ތަޅާ އަނިޔާކުރާ ތަން ބަލާކަށް އެމީހުން ބޭނުމެއް ނޫން،" ސަލްމާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ޓިއުބުލައިޓް" އަކީ އީދު ދުވަހު ރިލީޒްކުރަން ކަމުދާ ފިލްމެއް ވެސް ނޫނެވެ.
"އެއީ ވަރަށް ރީތި ޕްރޮޖެކްޓެއް. އެކަމަކު އެއްވެސް ފެސްޓިވަލްއެއްގައި ރިލީޒްކުރާ ކަހަލަ ފިލްމެއް ނޫން. އަހަރެން ދުރާލާ އެންމެންނަށް އިންޒާރުކުރިން މާ ރަނގަޅު ކަންތައްތަކެއް ވާނެކަމަށް އުންމީދުނުކުރަން،" ސަލްމާން ބުންޏެވެ.
ކުރީ ފިލްމުން ލިބުނު ފިލާވަޅުގެ އެހީގައި ސަލްމާން ދެން ކުޅުނީ "ޓައިގާ ޒިންދާ ހޭ" އެވެ. މިއީ އަނެއްކާވެސް ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ. މިހާރު ވެސް އެ ފިލްމު ވަނީ ކާމިޔާބުވެފަ އެވެ.