25 ޑިސެމްބަރ 2017 - 14:03

ވެރިކަމުގެ ދެ ވަނަ ދައުރަކަށް، ރައީސް އަބްދުﷲ ޔާމީން ހޮވުމަށް ޅ. ހިންނަވަރު ރައްޔިތުން ތިބީ ސާބިތުވެ ކަމަށާއި، އެ މަނިކުފާނަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރާނެ އެއް ބަޔަކީ ވެސް ހިންނަވަރު ރައްޔިތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ތިން އަތޮޅަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިންނަވަރަށް މިއަދު ވަޑައިގެން އެ ރަށު ބޯފެނުގެ ނިޒާމް ވަނީ އިފްތިތާހް ކޮށްދެއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ހިންނަވަރަކީ ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، އެ ރަށާ މެދު ގާތްކަމެއް ބަހައްޓަވައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނާޒިމްގެ އުފަން، ހިންނަވަރަކީ ކުރިން އެމްޑީޕީ އަށް ތާއީދުކުރާ ގިނަ ބަޔަކު ތިބި ރަށަކަށް ވިއަސް އެ ހަގީގަތް މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަން އެ ގޮތަށްވީ، ހިންނަވަރުގެ ރައްޔިތުންނާ ދޭތެރޭގައި އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ނިކަމެތި ގޮތުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އިންތިހާބުތަކުގައި އެމްޑީޕީ އަށް ދިން ވޯޓުގެ ނަތީޖާގެ ބަދަލު، ރައްޔިތުންނަށް ދިނީ، ނާޒިމް ވިދާޅުވި ގޮތުގައި، ވަރަށް ހިތްދަތި ގޮތަކަށެވެ.
"ކައުންސިލަރުންގެ ވޯޓު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު އޭރުގެ ސަރުކާރަށް [އެމްޑީޕީ] އަށް ދިން. ނުވިތާކަށް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވެސް ހިންނަވަރުން ބޮޑު ތާއީދެއް ދެއްވި. ނަމަވެސް އެ މަނިކުފާނުގެ ތިން އަހަރު ދުވަހުގެ ވެރިކަންވީ ރައްޔިތުންނަށް މާޔޫސްކަން ލިބިގެން ދިޔަ ކަމަކަށް، ބިކަކުރި، ހާލުގައި ޖެއްސި ވެރިކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިންނަވަރުގެ ބަލި މީހުން އުފުލަން "ފަތް ޖެހި އެނދެއް" ރަނގަޅުވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ވަނީ އެ ރަށަށް އެމްބިއުލެންސެއް ހޯއްދަވައި ދެއްވައިފަ އެވެ.
"ދިވެހި ރައްޔިތުންނަށް އިރެއްގައި ކަންކަން އޮޅުވާލެވުނަސް މިހާރު އޮޅުވައެއް ނުލެވޭނެ. ދިވެހި ރައްޔިތުން މިއަދު ތިބީ އެ މީހުންގެ އަސާސީ ބޭނުންތައް ހޯދުމަށްޓަކައި. ވެރިންނާ ހަވާލުކުރެވިފައިވާ ޒިންމާތައް ދިވެހި ރައްޔިތުންނަށް ވަނީ އޮޅުންފިލާފައި،" ނާޒިމް ވިދާޅުވި އެވެ.
ރައީސް ޔާމީން ރައްޔިތުންނަށްޓަކައި ކޮށްދެއްވާ ކަންކަމުގެ އަގު، ނާޒިމް ވިދާޅުވި ގޮތުގައި، ހިންނަވަރުގެ ރައްޔިތުން ވަޒަންކުރާނެ އެވެ.