26 ޑިސެމްބަރ 2017 - 06:34

އަކްޝޭ ކުމާރުގެ "ޕެޑްމޭން"ގެ ފުރަތަަމަ ޓްރެއިލާއަށް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ. މިއީ މައްސަރުކަންތައް ޖެހުމާއި އެެ ދުވަސްވަރު ސެނިޓަރީ ނެޕްކިންސް ބޭނުންކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އާރް. ބާލްކީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ. ހަމަ އެ ދުވަހު ސިދާރްތު މަލްހޯތުރާ އާއި މަނޯޖް ބަޖްޕާއީގެ "އައްޔާރީ" ވެސް ރިލީޒްކުރާނެ އެވެ.
މި ފިލްމަކީ އިންޑިއާ ސިފައިންގެ ދެ އޮފިޝަލުންގެ ވާހަކަ އެވެ. މި ދެ އޮފިޝަލުން މަސައްކަތް ކުރާ ގޮތާއި ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ވަރަށް ތަފާތެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ "އައްޔާރީ"ގެ ޓްރެއިލާ އަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ނަމަވެސް މި ދެ ފިލްމު އެއް ދުވަހަކު ރިލީޒްކުރުމަކީ ފިލްމުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމެކެވެ. މިކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އަކްޝޭ ބުނީ ދެ ފިލްމަކީ ވަރަށް ތަފާތު ދެ މައުލޫއަކަށް އުފައްދާާފައިވާ ފިލްމުތައް ކަމަށެވެ. "އައްޔާރީ"ގެ ޑައިރެކްޓަރު ނީރަޖް އަކީ އޭނާގެ ވަރަށް ބޮޑު ރައްޓެއްސެއް ކަމަށާއި ދެ ފިލްމުގެ ކުރިމަތިލުމެއް ނޯންނާނެ ކަމަށް ވެސް އަކްޝޭ ބުންޏެވެ.
"ދެ ފިލްމު ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވާ ކަމަށް ދައްކަން މަސައްކަތް ކުރަނީ މީޑިއާ އިން. އަހަރެންގެ ފިލްމަށް އިންޑިއާގެ އެކި ޝަހަރުތަކުން 2800 ސްކްރީން ލިބިފައިވޭ. އެހެންވީމަ ބާކީ އަދި 1600 އާއި 1800 އާ ދެމެދުގެ އަދަދަކަށް ސްކްރީން ހުންނާނެ. އެހެންވީމަ އަނެއް ފިލްމަށް ވެސް އަޅުވާނެ ގިނަ ސްކްރީންތަކެއް ލިބޭނެ،" އަކްޝޭ ބުންޏެވެ.
"ޕެޑްމޭން" ޕްރޮޑިއުސްކުރީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ އެވެ. ފިލްމަކީ ޓްވިންކަލްގެ އަމިއްލަ ޚިޔާލަކަށް އުފެއްދި ފިލްމެއް ކަމަށާއި ފިލްމު ލިޔެ ޑައިރެކްޓްކުރީ އާރް.ބާލްކީ ކަމަށް އަކްޝޭ ބުންޏެވެ.