25 ޑިސެމްބަރ 2017 - 08:40

ޕެރިސް (ޑިސެމްބަރު 25) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލްގެ ތަރި ނޭމާ ރެއާލް މެޑްރިޑަށް ނުވިއްކާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.
ޕީއެސްޖީން 222 މިލިއަން ޔޫރޯ އަށް ނޭމާ ގަތުން ވެގެންދިޔައީ ބޮޑެތި ކްލަބްތަކަށް ޝޮކަކަށެވެ.
ޕީއެސްޖީގައި ނޭމާ ގިނަ އަަހަރުތަކެއް ވަންދެން މަޑުނުކުރާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ނޭމާ ވަރަށް އަވަހަށް ރެއާލަށް ބަލަދުވާނެ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ބުނެ އެވެ. އެކަމާ ގުޅޭގޮތުން ނޭމާ ވެސް ވަނީ މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ. އަދި އޭނާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އެދުނެވެ.
ޕީއެސްޖީގެ ރައީސް ހެއްލާފީ ވިދާޅުވީ އޭނާ މަސައްކަތް ކުރަމުން އަންނަނީ ނޭމާ ވަށައިގެން ޓީމެއް ބިނާކޮށް ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ޕީއެސްޖީ ހެދުމަށް ކަމަށެވެ.
"އަހަރެމެން ނޭމާ ނުވިއްކާނަން. މިއީ ނޭމާއާ އެކު އަހަރެމެން ފެށި ޕްރޮޖެކްޓެއް. އޭނާ ވަށައިގެން އަހަރެމެން ޓީމު ވަރުގަދަ ކުރާނީ. ނޭމާ އަކީ މީގެ އެންމެ މުހިއްމު ކުޅުންތެރިޔާ،" ހެއްލާފީ ވިދާޅުވި އެވެ.
ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ވަނީ ނޭމާ އަށް މެސެޖެއް ދީފަ އެވެ. ޕެރޭޒް ވިދާޅުވީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވުމަށް ނޭމާ ބޭނުންނަމަ އެ ފުރުސަތު އޭނާ އަށް ހޯދައިދޭން ރެއާލުން އެހީވެދޭން ތައްޔާރު ކަމަށެވެ. އަދި މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭނީ ކްލަބް ފެންވަރުގައި ގިނަ ކާމިޔާބީ ހޯދައިގެން ކަމަށާއި ރެއާލުގައި ހުރެ އެކަން ހާސިލްވާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލާއި ޕީއެސްޖީ އަންނަ ފެބްރުއަރީ މަހު ވާދަކުރާއިރު، މި މެޗާ ބެހޭގޮތުން ނޭމާ ދާދި ފަހުން ބުނީ ރެއާލް ބަލިކޮށްގެން ޔޫރަޕްގައި ޕީއެސްޖީގެ އަގު އުފުލަން ބޭނުންވާ ކަމަށެވެ.