10 ޖުލައި 2016 - 15:41

ޕީއެމްއެމްގެ ތެރޭގައި މި ފަހުން އެންމެ ބޮޑަށް މައްސަލަ އުފެދުނު ސަބަބު ކަމަށް ވާ، ރިސޯޓް ހަދަން ބިޑަށް ނުލައި ރަށްތައް ކުއްޔަށް ދެވޭ އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ އިސްލާހު ފާސްކުރަން ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުންގެ ކިބައިން މައުމޫން އެދިވަޑައިގަތެވެ.
މައުމޫންގެ އިތުރުން އިދިކޮޅު އިއްތިހާދުން ވެސް ވަނީ އެ އިސްލާހަށް ފާޑުކިޔައި އެއީ ގާނޫނުގެ ތެރެއިން ވައްކަން ކުރަން ފަހިކުރާ ފުރުސަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގެ ބިލް ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.
އާންމުކޮށް އިއުލާންކުރުމަކާ ނުލައި ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގެ ބާރު މިހާރު ސަރުކާރަށް އެވަނީ ލިބިފަ އެވެ.
އިއުލާންނުކޮށް އެމްއެމްޕީއާރުސީން ވަނީ އެކި ފަރާތްތަކަށް ރާއްޖޭގެ އެތައް ރަށެއް ދޫކޮށް، 1.2 ބިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފަ އެވެ.