24 ޑިސެމްބަރ 2017 - 16:26

ސިޔާސީ އިދިކޮޅު ލީޑަރުން މިހާރު ފެންނަނީ ދަޅުގައި ބަންދުކޮށްފައިވާ އެކި ވައްތަރުގެ މަސް ހިމެނޭ "ކޮކްޓެއިލެއް" ގެ ގޮތަށް ކަމަށާއި އެބޭފުޅުންގެ ސިޔާސީ ފިކުރު އެބޭފުޅަކަށް ވެސް މިހާރު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އުތުރުގެ ބައެއް އަތޮޅުތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނ. ހޮޅުދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް އެ ރަށަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ ސިޔާސީ ތަރިތައް އަރާ އޮއްސޭ މޫސުން ކަމަށާއި މި މޫސުމުގައި ސިޔާސީ ބޭފުޅުންނާ ކޮށްލަން އެންމެ ރަނގަޅު ސުވާލަކީ އެ ބޭފުޅެއްގެ އަސްލު ފިކުރަކީ ކޮބައިތޯ ކަމަށެވެ. އެއީ "ލިބަރަލް" ވިސްނުންތޯ "ސެންޓާ ރައިޓް" ތޯ ނުވަތަ ފެށުނީއްސުރެ "ކޮންޒަވޭޓިވް" ވިސްނުމުގައި ހުރި މީހެއްތޯ ސުވާލު ކުރުން ރަނގަޅު ކަމަށާއި އެކަމަކު އޭގެ ޖަވާބު އެއްވެސް ބޭފުޅަކަށް ނުދެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހުރިހާ ސިޔާސީ ލީޑަރުން މި ފެންނަނީ ދަޅުގައި ބަންދުކުރި އެކި ވައްތަރުގެ މަސް އެކުލެވޭ ކޮކްޓެއިލެއްގެ ގޮތަށް. މި ބޭފުޅުންގެ ވިސްނުމުން އެގަހު ކާއްޓެއް މި ގަހު ކާއްޓެއް ނޭނގޭ. އެ މީހެއްގެ ސިޔާސީ ފިކުރު އެ މީހަކަށް ވެސް ނޭނގޭ ހިސާބުގައި މި ތިއްބެވީ،" އިދިކޮޅު ކޯލިޝަނަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނާ މެދު ކުރާ އުއްމީދާއި މަސްލަހަތާއި ތަރައްގީއަށް ވިސްނާއިރު ފިކުރުގައި އެއްވެސް "ބްލާ"ކަމެއް، އޮޅުމެއް، އަނދިރިކަމެއް އަދި އުނދަގޫ ކަމެއް އޮވެގެން ނުވާނެ އެވެ. އެކަމަކު އެހެން ސިޔާސީ ލީޑަރުންނާ ދޭތެރޭ މި ނޫން ގޮތަކަށް ދެންނެވެން ނެތް ކަމަށާއި އެއީ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، ވަކި ސިޔާސީ ފިކުރެއް ދިފާއުކުރާނަމަ ނުވަތަ ވަކާލާތު ކުރާނަމަ އެންމެ ފުރަތަމަ އެއީ ކޮން ފިކުރެއްކަން ކޮންމެ ސިޔާސީ ބޭފުޅަކު އޮޅުން ފިލުވައިދޭން ޖެހޭ ކަމަށާއި އެކަމަކު އެހެން ވިދާޅުވެވެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެ މަސްދަޅު ކަނޑައިފިނަމަ އޭގެ ތެރެއިން ޓޫނާ އާއި މެކެރަލް (މަހާއި) ސާޑިން (މަހާއި) ސާމަން (މަސް) ފަދަ ހުރިހާ އެއްޗެއް ފެންނާނެ. އެއްވެސް ސިޔާސީ ވަކި ފިކުރެއް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުމުގައި ހަރުދަނާ ކަމާއި އަޒުމާއި ސާބިތުކަން ހުރެގެން ނޫނީ ތިން ލައްކަ މީހުން ގޮވައިގެން އެއް ވިސްނުމުގެ ތަރައްގީއެއް ނުހޯދޭނެ ކަމަށެވެ. އޭރުން އެއް ދުވަހު އެއް ގޮތަކަށް ވިސްނާފައި އަނެއް ދުވަހު އެހެން ވިސްނުމެއް ގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ޑިމޮކްރަސީ އޮތް ނަމަވެސް، އެ ޑިމޮކްރަސީގެ ފޭރާން ބައްޓަންވެފައި އޮންނަނީ އެ ރަށަކަށް ހެޔޮވަރު ވަރަކަށް ކަމަށެވެ. އަދި އެއްވެސް ތަނެއްގައި ޑިމޮކްރަސީ އެއްވަރު ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޔޫރަޕްގެ ޑިމޮކްރަސީގައި ބާލިޣުވެފައިވާ ކޮންމެ މީހަކަށް ވެސް އެ މީހަކަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރެވުނު ނަމަވެސް އެ ޑިމޮކްރަސީ ރާއްޖެއަށް ފާޓު ހެޔޮވަރު ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ތަރައްގީއަށް ކުރާ މަސައްކަތުުގައި އެކި ފިކުރުތަކަށް މަރުހަބާ ކިޔަން،" ރައީސް ޔާމީން ވިދާޅުވި އެވެެ.