ބަދަލުގައި ރަޝިޔާ އިން ވެސް އެމެރިކާގެ ޑިޕްލޮމެޓުން ފޮނުވާލައިފި
ބަދަލުގައި ރަޝިޔާ އިން ވެސް އެމެރިކާގެ ޑިޕްލޮމެޓުން ފޮނުވާލައިފި

މޮސްކޯ (ޖުލައި 10) - ރަޝިޔާ އެމްބަސީގެ ދެ ޑިޕްލޮމެޓުން ވޮޝިންޓަނުން ފޮނުވާލާފައި ވަނިކޮށް އެމެރިކާގެ ދެ ޑިޕްލޮމެޓުން މޮސްކޯ އިން ވެސް ފޮނުވާލައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ރަޝިޔާގެ ދެ ޑިޕްލޮމެޓުން ފޮނުވާލަން ޖެހުނީ މޮސްކޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި އެމެރިކާގެ ޑިޕްލޮމެޓަކަށް ރަޝިޔާ ފުލުހުންގެ މީހަކު ހަމަލާ ދިނުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. ހަމަލާ ދިން ކަމަށް ބުނާ އެމެރިކާގެ ޑިޕްލޮމެޓް މިހާރު ވަނީ ރަޝިޔާ އިން ވެސް ފޮނުވާލައިފަ އެވެ. އޭނާއާ އެކު ވަނީ އެމެރިކާ އެމްބަސީގެ އެހެން މުވައްޒަފަކު ވެސް ފޮނުވާލައިފަ އެވެ.

ކްރެމްލިން އިން ބުނެފައި ވަނީ ރަޝިޔާ އިން ފޮނުވާލި އެމެރިކާގެ ދެ ޑިޕްލޮމެޓުންނަކީ ސީއައިއޭގެ އެޖެންޓުން ކަމަށެވެ. އަދި އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ރަޝިޔާ ފުލުސް މީހާގެ މޫނު މަތީގައި ޖަހާފައި ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެމެރިކާގެ ޑިޕްލޮމެޓަކީ ކާކުކަން އަންގައިދޭ ލިޔުން ދައްކަން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސާގީ ރިޔަބްކޯފް ވިދާޅުވީ އެމެރިކާ އެމްބަސީގެ ދެ ސްޓާފުން މޮސްކޯ އިން ފޮނުވާލަން ޖެހުނީ އެ މީހުންގެ ޑިޕްލޮމެޓިކް ދާއިރާއާ ނުގުޅޭ މަސައްކަތްތައް ކުރާތީ ކަމަށެވެ.

އެމެރިކާ އިން ބުނެފައި ވަނީ އެ ގައުމުގެ ޑިޕްލޮމެޓުންނަށް ރަޝިޔާގައި ކުރާ އުނދަގޫތައް ފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށެވެ.