24 ޑިސެމްބަރ 2017 - 14:30

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އެޅުމަށް އެމްޓީސީސީން، ސިންގަޕޫރު ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޑިޒައިން ކޮށް ހަރަދު ކުރާ ގޮތަށް އެ ދެ ޓަވަރު އެޅުމަށް އެމްޓީސީސީން ހަވާލު ކޮށްފައިވަނީ ސިންގަޕޫރުގެ އާރުއައި އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ އިރު ދެ އަހަރުގެ ތެރޭގައި ދެ ޓަވަރު ހަދައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 152 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 210 އެޕާޓްމަންޓް ހެދުމަށް ވަނީ ނިންމައިފަ އެވެ.
އެ މަޝްރޫއާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ވީހާ ވެސް ކުޑަ އަގެއްގައި މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ ދެ ޓަވަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ.