11 ޖުލައި 2016 - 06:03

ޑައިރެކްޓަރު އިންދަރު ކުމާރު ފަހަކަށް އައިސް އުފައްދަނީ މުޅިން ވެސް ބޮޑެތިމީހުންނަށް ޚާއްސަ ކޮމެޑީ ފިލްމުތަކެވެ. ނަމަވެސް 1990 ގައި އާމިރު ޚާނާއި މާދުރީ ލީޑް ރޯލަށް ލައިގެން އޭނާ އުފެއްދި ރޮމެންޓިކް ފިލްމު "ދިލް"ގެ ސީކުއަލް އެއް އުފައްދަން އިންދަރު މިހާރު ވަނީ ގަސްތުކޮށްފަ އެވެ.
އިންދަރުގެ އުންމީދަކީ މިއަހަރު ތެރޭގައި ފިލްމުގެ މަސައްކަތް ފެށުމެވެ.
ފިލްމާ ބެހޭ ގޮތުން އިންޑިއަން އެކްސްޕްރެސް އާ ވާހަކަ ދައްކަމުން އިންދަރު ބުނެފައިވަނީ މިއަހަރު ތެރޭގައި ފިލްމު ފެށުމަށް އުންމީދުކުރާ ކަމަށާއި ފިލްމަށް ތަރިން ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ދިލް"ގައި ބަތަލުގެ ބައި އާމިރު ކުޅެފައި ވިޔަސް "ދިލް 2" ގެ އެ ރޯލު އާމިރަށް ނުދެވޭނެކަމަށް އިންދަރް ބުނެފައިވެ އެވެ. ސަބަބަކީ ފިލްމަށް ބޭނުންވަނީ ވަރަށް ޒުވާން ބަތަލަކަށް ވާތީ އެވެ.
"ދިލް" އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ވަރަށް ކާމިޔާބު ފިލްމަކަށް ވާތީ އޭގެ ސީކުއަލް އަކީ ވެސް ޚާއްސަ ފިލްމަކަށް ހަދަން މަސައްކަތްކުރާނެ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
އިންދަރް އެންމެ ފަހުން ޑައިރެކްޓްކޮށްފައިވާ "ގްރޭޓް ގްރޭންޑް މަސްތީ" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މިފަދަ ފިލްމުތަކާ ތަންކޮޅެއް ދުރުވެލައި ރޮމެންޓިކް ފިލްމެއް އުފައްދާ ހިތް އޮތުމުން "ދިލް"ގެ ސީކުއަލް އަކަށް ވުރެ ރަނގަޅު ފިލްމެއް ޚިޔާލަށް ނާންނަ ކަމަށް ވެސް އިންދަރް ބުނެފައިވެ އެވެ.