03 ޖެނުއަރީ 2018 - 08:38

އެކި ކަންކަމުގެ ޝުއޫރު ފާޅުކުރުމަށް ބެޖު ބޭނުންކުރުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް އާންމު ކަމެކެވެ. މީޑިޔާގެ އެކި ވަސީލަތްތަކުގެ ތެރެއިން އެގޮތަށް ޝުއޫރު ފާޅުކުރުން މިހާރު މި ވަނީ އާދައަކަށް ވެފަ އެވެ. އަދި ހެދުމުގައި ޖަހާ ބެޖަކުން އެ މީހެއްގެ ޝުއޫރު ހާމަކޮށް، އެހެން މީހުންނަށް އެކަން ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ލިބޭ ބެޖެއް، އެންމެ ފަހުން ބާޒާރަށް ނެރެފި އެވެ.
ބީމް އޮތެންޓިކް ބެޖުން އެއް ޝުއޫރަކާއި އެއް ކަމަކަށް މަސައްކަތްކުރާ މީހުން އެކުގައި ބައްދަލުވެ ވާހަކަދައްކާލަން މަގުފަހިކޮށްދެ އެވެ. މި ބެޖު ހަދާފައިވަނީ ކުޑަ އެމޯލެޑް ސްކްރީނެއް ހިމެނޭ ގޮތަށެވެ. އާދައިގެ ބެޖެއްހެން ވައް ބުރަށް ހުއްޓަސް ބީމް އެޕްގެ އެހީގައި އެއް ޝިއާރެއް ފާޅުކުރެވެ އެވެ. އެއް ސްލައިޑް ޝޯއެއް އަޅުވާލެވެ އެވެ. ނޫނީ އެއް ޖިފް ވީޑިޔޯ ފެންނަ ގޮތަށް ބަހައްޓާލެވެ އެވެ. މިގޮތަށް އަރުވާ ވީޑިއޯތައް އަމިއްލައަށް ވެސް އުފެއްދެ އެވެ. ބީމް އެޕްގައި އެ ހުރިހާ ކަމެއް ކުރެވެން ހުރެ އެވެ. ބޭނުން ބެކްގްރައުންޑެއްގައި ބޭނުން ފޮޓޯއެއް ނަގައިގެން އަމިއްލައަށް ބެޖު ފަރުމާ ވެސް ކުރެވެ އެވެ. އެމީހަކު އުފައްދާ ބީމެއް ބްލޫޓޫތުން ބީމް ބެޖަށް ފޮނުވާލައިގެން ބޭނުންކުރަންވީ އެވެ.
ބީމް އޮތެންޓިކް ބެޖުގައި ސްކްރީންއަކާއި ހެދުމުގައި ނޫނީ ދަބަހުގައި ހަރުކުރެވޭނެ ގޮތަށް ޕިންއަކާއި ދަގަތްފާނުކޮޅަކާއި ދަބަހުގައި ހަރުކުރެވޭ ވާކޮޅަކާއި ޔޫއެސްބީ ކޭބަލެއް ވެސް ހިމެނެ އެވެ. މިއީ މުޅިން ވެސް ބެޖު ހަރުކުރެވޭނެ ގޮތްގޮތެވެ. އެމީހަކާ ގުޅޭ ކަވަރެއް ވެސް އަޅުވާލެވެ އެވެ.
ބީމަކީ ހަމައެކަނި ޝިއާރު ފާޅުކޮށްދޭ ބެޖެއް ނޫނެވެ. ބެޖަށް އޮބާލައިގެން 10 ސިކުންތު މަޑުކޮށްލުމުން ޕެނިކް މޯޑް އެކްޓިވޭޓްކޮށްދެ އެވެ. މާނައަކީ ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން، ހަތަރު މީހަކަށް މެސެޖުން އަންގައިދިނުމެވެ. މިގޮތަށް މެސެޖު ފޮނުވާނެ ހަތަރު މީހެއްގެ މައުލޫމާތު ބީމް އެޕަށް އަޅާފައި އޮތުމުން ފުދުނީ އެވެ. އެހެންވީމާ މިއީ ތިމާގެ ރައްކާތެރިކަމަށް ވެސް އެކަށީގެންވާ ބެޖެކެވެ.