25 ޑިސެމްބަރ 2017 - 06:37

ކުރިން ގިނަ ފިލްމުތަކެއް ކުޅުނު އަދި ޑައިރެކްޓް ވެސް ކުރި ޕޫޖާ ބަޓަކީ އަބަދުވެސް އޭނާގެ ކޮއްކޮ އާލިއާ ބަޓް ދެކެ ވަރަށް ލޯބިވާ އަދި އޭނާ ހިމާޔަތްކުރާ މީހެކެވެ.
މީޑިއާ ކުރިމަތީގައި އާލިއާ ދައްކަނީ އެހާ ސީރިއަސް ބަތަލާއެއްގެ ގޮތް ނޫން ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ނަމަވެސް ޕޫޖާ ބުނީ އޭނާގެ ކޮއްކޮ އަކީ ހީކުރާ ވަރަށް ވުރެ މާ ސްމާޓް އެކްޓަރެއް ކަމަށެވެ.
"ޑެޑީ"، "ސަޅަކް" އަދި "ޒަޚަމް" ފަދަ ފިލްމުތައް ކުޅުނު ދުވަސްވަރު އޭނާގެ ހުނަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ޕޫޖާ ބުނީ އާލިއާގެ ކާމިޔާބީއަކީ ވެސް އެ އާއިލާއިން ހައިރާންވި ކަމެއް ނޫން ކަމަށެވެ.
"އަހަރެމެންނަށް މާ ކުރިއްސުރެ ވެސް އެނގޭ އާލިއާގެ ގާބިލްކަމާއި ކުޅަދާނަކަން. އަދި މިހާރު އާލިއާ ހޯދާ ވަރުގެ ކާމިޔާބީއެއް އޭނާއަށް ލިބޭނެކަމަށް އާއިލާގެ މީހުން އަބަދުވެސް ޔަގީންކުރޭ،" ޕޫޖާ ބުންޏެވެ.
"އާލިއާ އަށް ލިބޭ ބޮޑު ކާމިޔާބުން އަހަރެމެން ހައިރާނެއް ނުވޭ. ސަބަބަކީ އުމުރުން އެންމެ ހަތަރު އަހަރުގައި ވެސް އާލިއާ ކުރެން ބޮޑުވެގެން ކުރާނީ ކޮން ކަމެއްހޭ އަހާއިރަށް ބުނޭ ވާނީ ފިލްމީ ތަރިއަކަށޭ. އެހާ ކުޑައިރުއްސުރެ ވެސް އާލިއާ އަށް ވަރަށް ސާފު އޭނާ ކުރާނީ ކޮން ކަމެއް ކަން. އަދި ކުރެވޭ އެންމެ ރަނގަޅަކަށް އެކަން ކުރަން ވެސް އާލިއާ އަބަދުވެސް ބޭނުންވޭ. މިއީ ފެށުމެއް. ކުރިޔަށް އޮތް ތަނުގައި އާލިއާގެ ކާމިޔާބީތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ."
ޕޫޖާ އަކީ މަހޭޝް ބަޓް ކުރިން ކޮށްފައިވާ ކައިވެންޏަކަށް ލިބުނު ދަރިއެކެވެ. އާލިއާގެ މަންމަ ސޯނީ ރާޒްދާންގެ ތިބެނީ އާލިއާ އާއި ޝާހީންއާ ދެބެންނެވެ.