އައިނު ވެސް ސްމާޓްވެ އެތައް ފަސޭހައެއް
އައިނު ވެސް ސްމާޓްވެ އެތައް ފަސޭހައެއް

ލެޓް ވިޝަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްމާޓް ގްލާސަސްއަކީ އަތުގެ ބޭނުން ނުކޮށް އައިނަށް ދޭ އިޝާރާތްތަކުގެ އެހީގައި މަސައްކަތްކުރާ އައިނެކެވެ. މި އައިނުގައި އެމޭޒަންގެ އެލެކްސާ ހިމަނާފައިވާތީ ދާ ކޮންމެ ތާކުން ވެސް އެލެކްސާގެ އިރުޝާދާއި ލަފާ ލިބެ އެވެ.

ބަލާ ބެލުމަށް އާދައިގެ އައިނަކާ މާ ބޮޑު ތަފާތެއް ފެންނަން ނެތަސް ވިޝަން އޭއައިގައި ކުރެވޭ ކަންތައް ގިނަ އެވެ. އޭގެ ތެރޭގައި ލަވަ ޖެހުމާއި ފޯނަށް ޖަވާބު ދިނުމާއި މެސެޖަށް ޖަވާބު ފޮނުވައިދިނުން ފަދަ ކަންކަން އަތްނުލައި ކުރެ އެވެ. ބަލައިލަން ރީތިވުމުގެ އިތުރުން މީގެ އައިނު ދުނި، ނަމްބަރު އައިނާ އެކު ވެސް ބޭނުންކުރެވެ އެވެ.

މަގުމަތީގައި ދުއްވާއިރު އަތުން ފޯނަށް ޖަވާބުދިނުމަކީ ރައްކާތެރިކަމެއް ނޫންކަން އެންމެން ވެސް ޤަބޫލުކުރެ އެވެ. ވިޝަން އޭއައިގެ ސަބަބުން އަތް ނުލައި ފޯނަށް ޖަވާބުދެވެ އެވެ. ކޯކަށިގަނޑުގެ ހަރަކާތްތަކަށް ބަރޯސާވާ ގޮތަށް ފަރުމާކޮށްފައިވާތީ އައިނު އަޅައިގެން ހުރެ ދޭން ބޭނުންވާ އިރުޝާދުތައް ބަރާބަރަށް ދެވެ އެވެ.

މި އައިނުގެ ބެޓެރީ ޗާޖުކޮށްގެން 10 ދުވަސް ވަންދެން ބޭނުންކުރެވެ އެވެ. މީގެ މަސައްކަތް ފަށާނީ ވެސް އައިނު އަޅާ ހިސާބުންނެވެ. އާޓިފިޝަލް އިންޓެލިޖަންސްގެ ގިނަ ފީޗާތަކެއް ހިމެނޭތީ މިއީ އާންމު ދިރިއުޅުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.