އެމެރިކާ އިން ގަތަރަށް 36 ފައިޓަ ޖެޓް ވިއްކަނީ
އެމެރިކާ އިން ގަތަރަށް 36 ފައިޓަ ޖެޓް ވިއްކަނީ

އެމެރިކާ އިން ގަތަރަށް ވިއްކުމަށް ހަމަޖެހިފައިވާ 72 ހަނގުރާމަމަތީ މަތިންދާބޯޓުގެ ތެރެއިން 36 މަތިންދާބޯޓު އުފައްދައިދިނުމަށް އެމެރިކާގެ ބޮއިން ކުންފުންޏާ ހަވާލުކޮށްފި އެވެ.

އެމެރިކާ ސަރުކާރުގެ ހުއްދައާ އެކު ވިއްކާ މި މަތިންދާބޯޓުތަކުގެ އަގަކީ 6.2 ބިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އުފައްދާނީ އެފް-15 މަރުކާގެ ޖެޓް ފައިޓަރުތަކެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ފަހުކޮޅު މި ބޯޓުތައް އުފައްދައި ގަތަރާ ހަވާލު ކުރާނެ އެވެ.

ގަތަރުގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުންކުރުމަށް ގަންނަ 72 ހަނގުރާމަތީ މަތިންދާބޯޓު އުފެއްދުމުގެ އެއްބަސްވުމުގައި އެމެރިކާ އާއި ގަތަރުން ސޮއިކުރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި 72 ބޯޓުގެ ޖުމްލަ އަގަކީ 12 ބިލިއަން ޑޮލަރެވެ.

ގަތަރުގެ ދިފާއީ ވަޒީރު ޚާލިދު އަލް އަތިއްޔާ ވިދާޅުވި ގޮތުގައި އެ ބޯޓުތައް ގަންނަނީ މެދުއިރުމަތީ ސަރަހައްދަށް ފެތުރެމުން އަންނަ ހައްދުފަހަނައެޅުމުގެ ހަރަކާތްތަކާ ކުރިމަތިލުމަށާއި ސަރަހައްދުގެ ސުލްހަ އާޢި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އަވައްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

މީގެ އިތުރުން ގަތަރުން ވަނީ އިނގިރޭސި ވިލާތުގެ ޓައިފޫން މަރުކާގެ 24 ޖެޓް ފައިޓަރު ގަތުމަށް ނިންމި ކަމަށް އިއުލާން ކޮށްފަ އެވެ. އެ ބޯޓުތަކުގެ އަގަކީ އަށް ބިލިއަން ޑޮލަރެވެ.

މިއީ ގަތަރުން މިހާ ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތަކެއް އެއްފަހަރާ ގަންނަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުން ގަންނަ ޓައިފޫން މަރުކާގެ ބޯޓުތައް ބޭނުންކުރުމަށް ގަތަރު ސިފައިން ތަމްރީންތައް ކުރުމާއި ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީންތައް ބޭއްވުން ވެސް ހިމެނެ އެވެ.

ގަތަރުން އެ ގައުމުގެ އަސްކަރިއްޔާ ފުޅާކުރަން މި ފެށީ، އަވައްޓެރި އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލައި އެ ގައުމު ހިސޯރު ކޮށްފައި އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަށް، މިސްރާއި ސައޫދީ އަރަބިއްޔާ އާއި ބަހްރައިނާއި އެމިރޭޓްސް އިން ނިންމީ މި އަހަރުގެ ޖޫން 5 ވަނަ ދުވަހު އެވެ.

މި ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ގަތަރުން ދަނީ މެދުއިރުމަތީގެ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން ބަދަހިކޮށް ޓެރަރިޒަމަށް ވާގިވެރިވަމުންނެވެ. އަދި ޝީއީންގެ އީރާނާ ގުޅުން ބަދަހިކޮށް ގަލްފުގެ އަރަބި ގައުމުތަކުގެ ދާޚިލީ ކަންތަކަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ.