10 ޖުލައި 2016 - 18:04

ރޭކަވިކް، އައިސްލެންޑް (ޖުލައި 10) - މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ގައުމީ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ފެންނާނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަން ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އަށް ކުޅޭ ސިގަޑްސަން ބުނީ އައިސްލެންޑް ކުޅުންތެރިންގެ ފެންވަރު މި ފަހަރު ޔޫރޯގައި ސާބިތުކޮށްދީފައިވުމުން އެ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށެވެ.
"ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އާދައިގެ ކުޅުންތެރިންތަކެއް ގޮވައިގެން ކުއާޓާ އިން ޖާގަ ހޯދަން ފަސޭހަނުވާނެ. ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން އަންނަނީ އައިސްލޭންޑް ކުޅުންތެރިންނަށް ފާރަލަމުން. އަންނަ ސީޒަނުގައި އައިސްލެންޑް ގިނަ ކުޅުންތެރިން ޕްރިމިއާ ލީގުން ފެނުމުގެ ފުރުސަތު ބޮޑު." އުމުރުން 26 އަހަރުގެ ސިގަޑްސަން ބުންޏެވެ.
އޭނާ ބުނީ ވޭލްސްގެ ގިނަ ކުޅުންތެރިން ވެސް ކުޅެމުން އަންނަނީ ޕްރިމިއާ ލީގުގައި ކަމަށްވުމުން އެ ޓީމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އައިސްލެންޑް ކުޅުންތެރިންނަށް ވެސް އެ ފުރުސަތު ލިބިއްޖެނަމަ މުސްތަގުބަލުގައި އެ ޓީމުގެ ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.
ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު އައިސްލޭންޑް ޔޫރޯ އަށް ކޮލިފައިވީ ޔޫރޯގެ ގަދަބާރު ނެދަލެންޑްސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އެ ޓީމު ވަނީ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ހަންގޭރީ އާއި ޕޯޗުގަލްއާ އެއްވަރުކޮށް އޮސްޓްރިއާ ބަލިކޮށްފަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ވަނީ އިންގްލެންޑް ކަޓުވާލައިފަ އެވެ. އެ ޓީމަށް މުބާރާތް ނިމުނީ ކުއާޓާގައި ފްރާންސް އަތުން ބަލިވުމުންނެވެ.