25 ޑިސެމްބަރ 2017 - 06:36

ސަލްމާން ޚާން އާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އަށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބޭނެ ކަމަށް ފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް ލަފާކުރި އެވެ. ކަންތައް ވީ ވެސް ހަމަ އެހެންނެވެ. ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމާ އެކު ހަމައެކަނި އެ ދުވަހު ވެސް 34.50 ކްރޯޑު (3.4 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ. އަދި ހޮނިހިރުދުވަހާ އެކު އެ އާމްދަނީ 68.25 ކްރޯޑު (6.8 ބިލިއަން ރުޕީސް) އަށް އެރި އެވެ.
މިހާރު ފިލްމު ހިނގާ ގޮތަށް ބަލާއިރު ތިން ދުވަހުން 100 ކްރޯޑު (10 ބިލިއަން ރުޕީސް) ލިބޭނެ ކަމަށް ބެލެވެ އެވެ. ސަތޭކަ ކްރޯޑަކީ ހިންދީ ފިލްމެއް ކާމިޔާބީގެ ފުރަތަމަ ހަރުފަތް ގިރާކުރި ކަމަށް ބަލާ މިންގަނޑެވެ. ނަމަވެސް ކުޑަ ބަޖެޓަކުން އުފައްދާ ފިލްމުތަކަށް މި ވަރު ނުލިބި ވެސް ކާމިޔާބު ހޯދެ އެވެ.
"ޓިއުބުލައިޓް"ގެ ނާކާމިޔާބަށް ފަހު ނުކުތް ސަލްމާންގެ މި ފިލްމަށް ލިބޭ ތަރުހީބުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ އެވެ. އަނެއްކޮޅުން މިއީ ކެޓުރީނާގެ "ޖައްގާ ޖާސޫސް"، "ފިތޫރު" އަދި "ބާރް ބާރް ދޭކޯ"ގެ ނާކާމިޔާބަށް ފަހު ނުކުތް ފިލްމަކަށް ވާތީ އޭނާއަށް ވެސް މި ފިލްމުގެ ކާމިޔާބީ ވާނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. "ޓައިގާ ޒިންދާ ހޭ" ވެފައިވަނީ ކެޓުރީނާގެ ފިލްމީ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމަށެވެ.
މިއީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް އާއި ސަލްމާން ގުޅިގެން އުފެއްދި ދެ ވަނަ ފިލްމެވެ. ފުރަތަމަ ފިލްމު "ސުލްތާން" އަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ހޯދާ ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބުނު ފިލްމެކެވެ.
ކްރިޓިކްސް އަށް ވެސް "ޓައިގާ ޒިންދާ ހޭ" ވަރަށް ކަމުދިޔަކަން ފިލްމާ ގުޅޭ ގޮތުން ލިޔެފައިވާ ރިވިއުތަކުން އެނގެ އެވެ. އަދި ބެލުންތެރިންނަށް ވެސް ފިލްމު ވަރަށް ރީތިކަމަށް ބުނެފައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާގެ ރިވިއު ލިޔުނު ލިޔުންތެރިޔާ މި ފިލްމަށް ފަސް ތަރީގެ ތެރެއިން 3.5 ތަރި ދިނެވެ. އޭނާ ލިޔެފައިވާ ގޮތުގައި ފިލްމުގެ މަންޒަރުތައް ބަލާލަން ހިތްގައިމެވެ. އަދި ސަލްމާންގެ ޑައިލޯގްތަކާއި އިތުބާރު ވެސް މި ފިލްމުގައި ވަރަށް ރަނގަޅެވެ.
އެންޑީޓީވީގެ ރިވިއުގައި ބުނެފައިވަނީ ޓެކްނިކަލް ގޮތުން ބަލާއިރު ފިލްމު ވަރަށް މޮޅު ކަމަށެވެ. އަދި އެކްޝަން މަންޒަރުތައް ބަލާ ފޫހިނުވާހާ މޮޅުވެފައި ރީތިކަމަށާއި ސްކްރީންޕްލޭގައި ހުރި އުނި ކަންތައްތައް ފޫބެއްދެނީ ހޮލީވުޑް އެކްޝަން ޑައިރެކްޓަރަކު ލައްވާ ނަގާފައިވާ މޮޅު މަންޒަރުތަކުން ކަމަށް ބުނެފައިވެ އެވެ.