ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކުން ނަގާ ވެއްޔަށް އަގު ނަގާ ގޮތަށް ހަމަޖައްސައިފި
ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކުން ނަގާ ވެއްޔަށް އަގު ނަގާ ގޮތަށް ހަމަޖައްސައިފި

ޓޫރިޒަމްގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ވެލި ނަގާ ނަމަ ކޮންމެ ކޮޑިމީޓަރަކަށް ތިން ޑޮލަރު (46ރ.) ދައްކަންޖެހޭ ގޮތަށް ހަމަޖައްސައި، އެކަމާ ބެހޭ އުސޫލެއް އެކުލަވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އުސޫލަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށާއި ވެލި އެޅުމަށް އެހެން ތަންތަނުން ވެލި ނެގުމުގެ އުސޫލެވެ. ވެލި ނެގުމާ ބެހޭ އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތަސް، ޓޫރިޒަމްގެ ބޭނުމަށް ވެލި ނެގުމުގައި އަމަލު ކުރާނީ އެ އުސޫލުގެ ދަށުން ކަމަށް އޭގައި ބަޔާންކޮށްފައިވެ އެވެ.

އެ އުސޫލު ބުނާގޮތުން ޓޫރިޒަމްގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ވެލި ނަގާ ނަމަ ކޮންމެ ކޮޑި މީޓަރަކަށް ތިން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އެ އުސޫލުގެ ދަށުން އެއްފަހަރާ އެންމެ ގިނަވެގެން ނެގޭނީ 30،000 ކޮޑިމީޓަރުގެ ވެއްޔެވެ. އަދި ވެލި ނެގުމުގެ ހުއްދަ އެއް ފަރާތަކަށް ދެވޭނީ އެންމެ ގިނަވެގެން އަހަރަކެ ދެ ފަހަރަށް ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާގޮތުން އޭގެ ދަށުން ވެލި ނެގުމުގެ ހުއްދަ ލިބޭނީ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކާއި ދުރުގައި އޮންނަ ފަޅުތަކުންނެވެ. އަދި ހުއްދަ ދޭ ފަޅަކީ ވެލީގެ މުއްސަނދިކަން ލިބިފައިވާ ފަޅަކަށް ވުމުގެ އިތުރުން ތިމާވެށީގެ ގޮތުން ނާޒުކު ފަޅަކަށް ވެގެން ނުވާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެ އުސޫލުގެ ދަށުން އެއްފަހަރު ވެލި ނަގާފައިވާ ތަނަކުން ދެވަނަ ފަހަރަށް ވެލި ނެގޭނީ ފުރަތަމަ ވެލި ނެގިތާ ހަ މަސް ހަމަވުމުންނެވެ.

އެ އުސޫލު ބުނާގޮތުން ވެލި ނެގުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައި، އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހު އެވެ. އެކަމުގެ ހުއްދަ ދެވޭނީ ފައިސާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ރިޕޯޓުގައިވާ ކަންކަން ފުރިހަމަކޮށް، ފައިސާ ދެއްކުމުންނެވެ.

ވެލި ނެގުމުގެ ތެރޭގައި ތިމާވެށްޓަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމުގެ ޒިންމާ ވެލި ނެގި ފަރާތުން ނަގަން ޖެހޭނެ އެވެ. އަދި ވެލި އުކާލާ ނަމަ ވެލި އުކާލަން ވެސް ޖެހޭނީ ވެލި ނެގި ސަރަހައްދަށެވެ. އެ އުސޫލާ ޚިލާފަށް ވެލި ނެގުމުގެ މަސައްކަތެއް ކޮށްފި ނަމަ ވެލި ނެގުމުގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.