ސީރިޔާގެ ސަރަހައްދީ ރޮނގު ކައިރި އަށް އިރާގު ސިފައިން ފޮނުވައިފި
ސީރިޔާގެ ސަރަހައްދީ ރޮނގު ކައިރި އަށް އިރާގު ސިފައިން ފޮނުވައިފި

ސީރިޔާ އާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިރާގުގެ ޝީއީންގެ ޕެރަމިލިޓަރީ ސިފައިންގެ ލަޝްކަރެއް އެ ސަރަހައްދަށް ފޮނުވައިފި އެވެ.

އިރާގު ސިފައިން އެ ސަރަހައްދަށް މި ފޮނުވީ، ދެ ގައުމު ގުޅިފައިވާ ސަރަހައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވާ އިރާގު ސިފައިންނަށް، ސީރިޔާގެ ތެރެއިން ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

އެ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ އެކި ވަގުތުގައި ސީރިޔާގެ ތެރެއިން ވަނީ އިރާގު ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް އިރާގު ސިފައިން އޭގެ ފަހުން ވަނީ، ރައްދުގައި ހަމަލާދީ ސީރިޔާގެ ތެރެއިން އައި ހަމަލާތައް ހުއްޓުވައިފި އެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސީރިޔާގެ ތެރެއިން، އިރާގުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދީފައިވަނީ ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނެވެ. ނަމަވެސް އެ ހަމަލާތައް ދިނީ ކޮން ބައެއް ކަން އަދި ކަށަވަރެއް ނުވެ އެވެ.

ޝީއީންގެ ޕެރަމިލިޓަރީ ލަޝްކަރަކީ އިރާގު ސަރުކާރާ ގުޅުމެއް ނެެތް އަމިއްލަ ލަޝްކަރެކެވެ. ނަމަވެސް އިރާގަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް ކުރި ހަނގުރާމައިގައި އެ ލަޝްކަރުން ދިން އެއްބާރުލުމާ ގުޅިގެން، އިރާގުގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ އެ ލަޝްކަރަކީ ދައުލަތުގެ މުއައްސަސާއެއް ކަމަށް ބަލައިގެންފަ އެވެ.

ތިން އަހަރަށް ދެމިގެން ދިޔަ ވަރުގަދަ ހަނގުރާމަ އަށް ފަހު، އައިއެސް ޖަމާއަތް ބަލިކޮށްލެވިއްޖެ ކަން، އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވަނީ މި މަހުގެ ތެރޭގައި އިއުލާން ކުރައްވައިފަ އެވެ. މީގެ ހައެއްކަ މަހާ ޖެހެންދެން ވެސް، ސީރިޔާ އާއި އިރާގު ގުޅޭ ސަރަހައްދުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުން އައީ އައިއެސްގެ ހަނގުރާމަވެރިންނެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިން އިރާގަށް އަތް ގަދަކުރީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.