ލީގު ހޯދުމުގެ ރޭސް އަދި ނުނިމޭ: ޒިދާން
ލީގު ހޯދުމުގެ ރޭސް އަދި ނުނިމޭ: ޒިދާން

މެޑްރިޑް (ޑިސެމްބަރު 24) – ސްޕެނިޝް ލީގުގައި އިއްޔެ ހަވީރު ރެއާލް މެޑްރިޑް އަތުން 3-0 އިން ބާސެލޯނާ މޮޅުވުމާ އެކު ލީގު ހޯދުމުގެ ރޭސް ނިމުނީ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށާއި އެކަމަކު އެހެން ވާނެހެން ހީނުވާ ކަމަށް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މި މޮޅާ އެކު ބާސެލޯނާ ވަނީ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އަދި ހަތަރު ވަނައިގައި އޮތް މެޑްރިޑާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"އަހަރެން މިތަނުގައި މިހިރީ ނިންމުންތައް ނިންމަން،" ޒިދާން ބުންޏެވެ. "އަހަރެމެން ފުރަތަމަ ހާފުގައި ގޯލެއް ޖެހި ނަމަ ކަންތައްތައް ފެނުނީހީ ތަފާތުކޮށް."

މި މެޗުގެ ފުރަތަމަ ހާފު މެޑްރިޑުން ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ބާސެލޯނާ އިން ދެ ވަނަ ހާފު ކޮންޓްރޯލްކުރިއިރު އެ ޓީމުން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފަ އެވެ.

"އަހަރެން ޒިންމާނަގަން. އެންމެން ނިންމައިގެން ތިބި ކަހަލަ ސްޕެނިޝް ލީގު ނިމުނީޔޭ. އެކަމަކު އަހަންނަކަށް ހިޔެއް ނުވޭ ކަންއޮތީ އެހެން ހެނެއް،" ޒިދާން ބުންޏެވެ. "ރަނގަޅަށް އަރާމުކޮށްލަން ހަފުތާއެއް އެބަ ލިބޭ އެއަށް ފަހު އަހަރެމެން އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް."

ޒިދާން ބުނީ އިއްޔެ އެ ބަލިވި ގޮތަށް ބަލިވުން މެޑްރިޑަށް ހައްގެއް ނޫން ކަމަށާއި އެކަމަކު ފުޓްބޯޅައިގައި މިފަދަ ކަންތައްތައް ބައެއް ފަހަރުވާނެ ކަމަށެވެ. ޒިދާން ބުނީ ބާސެލޯނާގެ ފުރަތަމަ ގޯލަކީ މެޑްރިޑަށް ހެދުނު ގޯހެއް ކަމަށެވެ. އަދި ބަދަލުތައް ގެންނަން އުޅުނު ވަގުތު ދެ ވަނަ ގޯލް ވަދެ އަދި އެކަކު މަދުވުމާ އެކު ހުރިހާ ކަމެއް ބަދަލުވި ކަމަށް އޭނާ ބުންޏެވެ.