މެންޗެސްޓާ ސިޓީ އަށް 13 ޕޮއިންޓުގެ ލީޑެއް
މެންޗެސްޓާ ސިޓީ އަށް 13 ޕޮއިންޓުގެ ލީޑެއް

ލެސްޓާ (ޑިސެމްބަރު 24) – އެކަކު މަދުކޮށް ކުޅުނު ލެސްޓާ ސިޓީން ފަހުން ވަގުތު 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކުރިއިރު، ބޯންމައުތު އަތުން 4-0 އިން މޮޅުވe މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ރޭ ނަގައިފި އެވެ.

މިއީ ކްރިސްމަސް ދުވަހާ އިނގިރޭސި ލީގު ކުރިމަތިލާއިރު އެއް ވަނަ އާއި ދެ ވަނައާ ދެމެދު އެންމެ ބޮޑު ފަރަގެއް އޮތް ފަހަރެވެ. އެއް ވަނައިގައި 55 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ޔުނައިޓެޑް ދެ ވަނައިގައި އޮތީ 42 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 39 ޕޮއިންޓާ އެކު އޮތީ ހުކުރު ދުވަހުގެރޭ އެވަޓަންއާ 0-0 އިން އެއްވަރުވި ޗެލްސީ އެވެ.

އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 4-0 އިން ސިޓީ މޮޅުވި މެޗުގައި އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ލަނޑު ޖެހީ ރަހީމް ސްޓާލިން އާއި ޑަނީލޯ އެވެ.

ލީގުގައި ސިޓީން 19 މެޗު ކުޅެފައިވާއިރު އަދި ބަލިނުވެ އެވެ. އެ ޓީމުން 18 މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވީ އެވެ. މި ވަގުތު ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ޓީމުތަކުގެ ތެރެއިން ބަލިނުވެ އޮތީ ސިޓީގެ އިތުރުން ސްޕެނިޝް ލީގުގެ ބާސެލޯނާ އެވެ.

ލެސްޓާގެ ދަނޑުގައި ޔުނައިޓެޑަށް ރޭ ކުރިމަތިވީ ހިތްދަތި ގޮތެކެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޖެމީ ވާޑީ ވަނީ ލެސްޓާ އަށް ކުރި ހޯދައިދީފަ އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ހުއާން މަޓާ އެވެ. އަދި 60 ވަނަ މިނެޓުގައި އޭނާ އެ ޓީމަށް ލީޑު ނަގައިދިނެވެ.

ޔުނައިޓެޑަށް ފަސޭހަތަކެއް ވެގެންދިޔައީ 73 ވަނަ މިނެޓުގައި ލެސްޓާގެ ޑެނިއަލް އަމާޓޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުންނެވެ. އެކަމަކު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ލެސްޓާގެ ހެރީ މަގުއިރޭ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެ ޓީމަށް މި ލިބުނީ އަމިއްލަ އަށް ހެދި ގޯސްތަކެއްގެ އަދަބު ކަމަށެވެ. އަދި ލެސްޓާގެ އޭރިއާގެ ތެރޭގައި އަދި އަމިއްލަ އޭރިއާގެ ތެރޭގައި ވެސް ޔުނައިޓެޑުގެ ކުޅުންތެރިން ހެދީ ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް ކަމަށް މޮރީނިއޯ ސިފަކުރި އެވެ.