24 ޑިސެމްބަރ 2017 - 08:15

މާޒިޔާ އަށް ފާއިތުވި އަހަރުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި މޫސާ ޔާމީން (ޔާމްބެ) އަންނަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅެން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ތޮއްޑޫ ޓީމާ އެކު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ޔާމްބެ އޭގެ ފަހުން ފެނުނީ އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އިންނެވެ. އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާ އަށް ފުރުސަތު ލިބުނެވެ.
އޭނާ މާޒިޔާ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމުން ފާއިތުވި ހަތަރު ސީޒަނުގައި ގިނަ ކާމިޔާބީ ހޯދިިއިރު ޔާމްބެ ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. ޔާމްބެ ވަނީ މިހާތަނަށް ކެރިއަރުގައި ނިއު އާއި މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.
މިއަހަރު ކުރީކޮޅުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޔާމްބެ ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޭރު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވެސް ވަނީ ޔާމްބެ އަށް އަނިޔާވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ. އެއީ ޔާމްބެ އަކީ މެދުތެރެއަށާއި ފަޅިން ވެސް ކުޅެވޭ ކުޅުންތެރިއަކަށް ވެފައި އޭނާގެ ބޭނުން ޓީމަށް މުހިއްމު ވުމުންނެވެ.
އަނިޔާ އަށް ފަހު ޓީމަށް އެނބުރި އައިސް ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގައި ޔާމްބެ ވަނީ ކުޅެފަ އެެވެ. މާޒިޔާގެ ކޯޗުކަމާ އިސްމާއިލް މަހަފޫޒް (އިންމަ) ހަވާލުވެ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ޔާމްބެ މަޑުކުރުމަކީ އެ ޓީމަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.
ޔާމްބެގެ އިތުރުން އެ ޓީމަށް ކުޅޭ މުހައްމަދު އިރުފާން (އިރޭ) ވެސް ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ. އަދި އިތުރު ކުޅުންތެރިން ވެސް އެ ޓީމުގައި މަޑުކުރާނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް އެ ޓީމު ދޫކޮށްލީ މިދިޔަ ތިން އަހަރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. އުމެއިރު ބަދަލުވީ އޭނާ ކުރިން ކުޅުނު ނިއު ރޭޑިއަންޓަށެވެ.