އޭޝިއާގެ ވަރުގަދަ ތިން ނަމެއް ދިވެހި ވޮލީބޯޅަ ކޯޓަށް
އޭޝިއާގެ ވަރުގަދަ ތިން ނަމެއް ދިވެހި ވޮލީބޯޅަ ކޯޓަށް

މިރޭ ފަށާ ވޮލީބޯލް އެސޯސިއޭޝަން ކަޕުން އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތިން ކުޅުންތެރިއަކު ފެންނާނެ އެވެ.

އޭޝިއާގެ ވަރުގަދަ ތިން ނަމެއް ދިވެހި ވޮލީބޯޅަ ކޯޓަށް
އޭޝިއާގެ ވަރުގަދަ ތިން ނަމެއް ދިވެހި ވޮލީބޯޅަ ކޯޓަށް

އޭޝިއާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޕާކިސްތާނުގެ ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ނަސީރު ވަނީ ދިވެހި ސިފައިންގެ ކްލަބަށް ސޮއިކޮށްފަ އެވެ. އޭނާގެ އިތުރުން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ވެސް ވަނީ ސިފައިންގެ ޓީމާ ގުޅިފަ އެވެ.

ތައިލެންޑުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޖިރާޔޫ ރަކްސަކައޫ ގުޅުނީ މޯލްޑިވިއަންއާ އެވެ. އޭނާ އަކީ އޭޝިއާގެ ވެސް އެންމެ މޮޅު މޮޅު އެއް ކުޅުންތެރިޔާ އެވެ. ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނަށް ނިސްބަތްވާ މޯލްޑިވިއަން އަކީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަނެވެ.

އިންޑިއާގެ ކެޕްޓަން އަދި މިދިޔަ ސީޒަނުގައި ވެސް ރާއްޖޭގެ ވޮލީބޯޅަ ކޯޓުގައި ރަސްކަންކުރި ޕްރަބާގަރަން ޕްރަބާ މިފަހަރު ވެސް ފެންނާނީ ޕޮލިސް ކްލަބުންނެވެ.

އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި ބައްދަލުކުރާނީ މޯލްޑިވިއަން އާއި ކިހާވަށް ވޭރިއާސް އެވެ. ދެ ވަނަ މެޗުގައި މިރޭ 20:00 ގައި ޕޮލިހާއި ސްޕޯޓްސް ކްލަބް ސިޓީ ކުޅޭއިރު ތިން ވަނަ މެޗުގައި 21:30 ގައި ވާދަކުރާނީ ސިފައިންނާއި ސްޕޯޓްސް ކްލަބް ވިޝަނެވެ.

ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީގައި އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު އެ މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ކުޅޭށެވެ. މި މަހުގެ 20 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަން ފަށާނީ ބުދަ ދުވަހު އެވެ. ވާދަކުރަނީ މޯލްޑިވިއަނާއި ޕޮލިހާއި ސްޕޯޓްސް ކްލަބް ހޯކްސް އާއި ކްލަބް ތުރީ ސްޓާ އަދި އައިލެންޑް އޯޝަން ކްލަބެވެ. ލީގު އުސޫލުން ކުޅެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅެ މޮޅުވާ ޓީމަކަށެވެ. ފައިނަލް ކުޅޭނީ މި މަހުގެ 24 ގަ އެވެ.