24 ޑިސެމްބަރ 2017 - 06:40

އަންނަ އަހަރު ލައިގަންނާކަށް މާ ގިނަ ދުވަހެއް ނެތެވެ. ހަމަ އެއާ އެކު މާޗު މަސް ވެސް އަތުވެދާނެ އެވެ. ވަންޕްލަސްއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، މާޗު 6 ގައި ވަންޕްލަސް 6 ތައާރުފުކުރާނެ އެވެ.
ވަންޕްލަސް 5 ނެރުނީ އިހަށް ދުވަހު އެވެ. ޖެހިގެން އައި ދުވަހޭ ބުންޏަސް ރަނގަޅުވާނެ އެވެ. އެހާ އަވަހަށް ވަންޕްލަސް 5ޓީ އާންމުކޮށްފި އެވެ. ވަންޕްލަސްގެ ފޯނުތަކަށް ލޯބިކުރާ ގިނަ މީހުންގެ އަތަށް ވަންޕްސް 5ޓީ އަދި ވެސް ނާރަ އެވެ.
ސްމާޓްފޯން މާކެޓްގައި ވަންޕްލަސް އަށް ބާރު ބޮޑު ދުވަސްވަރެކެވެ. އެއް ފޯނު މާކެޓަށް ނެރެ ހޫނު ނުކެނޑިގެން އުޅެނިކޮށް އަނެއް ފޯނު އޮންނަނީ ތައްޔާރަށެވެ. މިހާ ހިސާބުން އެންމެން ދެން ދައްކަންވީ ވަންޕްލަސް 6ގެ ވާހަކަ އެވެ.
ވަންޕްލަސް 6 އާ ބެހޭ ގޮތުން އެންމެ ގަދަ އަށް ދައްކަން އޮތް ވާހަކަ އަކީ، އެއީ ސެމްސަންގް އަށް ނުކުރެވުނު ކަމެއް ކުރާނެ ފޯނަކަށް ވާނެ ވާހަކަ އެވެ. އެއީ ޑިސްޕްލޭ ދަށުގައި "ފިންގާޕްރިންޓް ސްކޭނާ" ވަޅުލުމެވެ.
ސެމްސަންގުން މުޅި 2017 ގައި ކުރި މަސައްކަތުން ވެސް، ގެލަކްސީ ފޯނުތަކުގެ ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލެވޭ ގޮތެއް ނުވި އެވެ. މިއީ ގަބޫލުކުރަން އުނދަގޫ ވާހަކައެކެވެ. އެކަމަކު ވެސް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
އަންނަ އަހަރު މާޗު މަހަށް ވުރެ ކުރިން، ސެމްސަންގްއިން ފޯނެއްގެ ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލައިފި ނަމަ ކުރި ލިބުނީ އެވެ. އެ ނޫން ގޮތެއްގައި، ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލާ ފުރަތަމަ ފޯނުތަކުގެ ތެރޭގައި ވަންޕްލަސް 6 ހިމެނޭނެ އެވެ.
ވަންޕްލަސްއާ ބެހޭ ގޮތުން އިތުރު އެހެން ވާހަކަތަކެއް ދެއްކޭ ވަރަށް މައުލޫމާތު އަދި އާންމެއް ނުވެ އެވެ.