24 ޑިސެމްބަރ 2017 - 06:35

ބުދަ ދުވަހާ ގުޅޭ
ވާންއުޅޭ ގޮތް ރާޝިދަކަށް ކުޑަކޮށް ވެސް ނޭނގެއެވެ. ވަރަށް ހަމަޖެހިލައިގެން އައިސް ގެއަށް ވަނެވެ. ރާޝިދު ފެންނައިރަށް ކަންޗަނާ ދުވެފައި އައިސް ރާޝިދު ގައިގައި ބައްދައިގަތެވެ.
"ބޮސްބޮސް،" ކަންޗަނާ އިނގެރޭސިބަހުން ވާހަކަދައްކަން ފެށިއެވެ. "އަހަންނަށް މާފުކުރޭ! އަހަރެން ބޭނުމެއް ނޫން ރަށަށް ދާކަށް. ބޮސް ބުނާ ހުރިހާ ކަމެއް އަހަރެން ކުރާނަން."
ރާޝިދަށް ބަލައިލެވުނީ ނާދިޔާއަށެވެ. ނާދިޔާ ހުރީ ރުޅިގަނޑު ކޮންޓުރޯލުކޮށްގެން، ކެތްތެރިކަމާއެކު އިސްޖަހައިލައިގެންނެވެ.
"އަހަރެން ބޮސް ނޫން އެހެން މީހަކާ ވާހަކަ ވެސް ނުދައްކާނަން،" ކަންޗަނާ ބުންޏެވެ. "ކީއްވެ އަހަރެން ގުޅީމަ ބޮސް ފޯނު ނުނަގަނީ؟ ކަންޗީ ދެކެ ބޮސް ރުޅިއައީތަ؟ މީ ބޮސްގެ ކަންޗީއޭ."
ރާޝިދުގެ މުޅި މޫނުގައި ކަންޗަނާ ބޮސްދިންއިރު ވެސް ބުދެއްހެން ރާޝިދު ހުއްޓެވެ. ނޭވާ ވެސް ނުލައެވެ.
"ކިހިނެއްވީ؟" ރާޝިދުގެ ފަރާތުން އެއްވެސް ޚަރަކާތެއް ނުފެނުމުން ކަންޗަނާ އެހިއެވެ. "ކީއްވެ ތިހާ ހާސްވެފަ ތިހިރީ. އޭ! ގެނެސްބަލަ ފެންތަށްޓެއް."
ކަންޗަނާ އަމުރުކުރީ ނާދިޔާއަށެވެ. ރާޝިދު އެ ކަން ހުއްޓުވަން އުޅުނެވެ. ޗާބީ ދީފައިހުރި ބުދެއްހެން ނާދިޔާ ގޮސް ފެންތަށްޓެއް ގެނައެވެ. އެކަމަކު ނާދިޔާއަށް ހުރެވެނީކީ ނޫނެވެ. ރާޝިދު ފެންތަށީގައި ހިފިއެވެ. ނުބޮއި ހުރީއެވެ.
"މަސާޖެއް ކޮށްލަންވީ ކަންނޭނގެ ދޯ!" ކަންޗަނާ ވިސްނައިލައިފައި ބުންޏެވެ.
"ކޮޓަރި ތައްޔާރުކޮށްލަންވީތަ؟" ނާދިޔާ ހުރީ އެ ކަން ވެސް ކޮށްދޭ ގޮތަށެވެ.
ރާޝިދު ފެންތަށި ބެހެއްޓިއެވެ. ކަންޗަނާގެ މުލައްދަނޑީގައި ހިފައިގެން ނުކުންނަން ހިނގައިގަތެވެ.
"އެ އޮތީ ކަންޗީ މެޑަމްގެ ފޯނު،" ނާދިޔާ ބުންޏެވެ. "އޭގަ ހުރި ބޮސްގެ ފޮޓޯތައް ހާދަ ރީއްޗޭ!"
"ތެންކިޔޫ!" ކަންޗަނާ ފޯނު ނަގަމުން ބުންޏެވެ.
ރާޝިދާއި ކަންޗަނާ އެކުގައި ބޭރަށް ނުކުތެވެ. ނާދިޔާ ދޮރު ލެއްޕިއެވެ. އެކަމަކު ހުރި ފިޔަވަޅުމަތިން ދެން ގުޑައި ވެސް ނުލެވުނެވެ. ރާޝިދު އެ ކަހަލަ ކަމެއް ކޮށްފާނެކަމަކަށް ނާދިޔާ ދުވަހަކު ވެސް ހިޔެއްނުކުރެއެވެ. ނާދިޔާއަށް ބަލައިލެވުނީ ގެއަށެވެ. އެ ގެއަކީ ރާޝިދުގެ ގެއެވެ. އެހެންނަމަވެސް، އެ އިމާރާތް ގެއަކަށް ހެދީ ނާދިޔާއެވެ. ލޯތްބާއި ޝައުޤުވެރިކަމާ އެކުގައެވެ. އަމިއްލަ ގެއެއް ފަދައިން މުޅި ގެ ސާފުކޮށް، ތަރުތީބުކޮށް، އޮފުއެރުވީ ނާދިޔާގެ ދެއަތުންނެވެ. މުދަލަށް ހުރި ދަހިވެތިކަމަކުން ނޫނެވެ. ފިރިމީހާ ދެކެ ލޯބިވާތީއެވެ. ދެމެދުގައި އޮތް އިތުބާރާއި، އިޙުތިރާމެއްގެ ބޮޑުކަމުންނެވެ. ބަދަލުގައި ލިބުނީ ކޯޗެއް ހެއްޔެވެ؟ ކުރި ހުރިހައި މަސައްކަތެއްގެ އަގަކީ ކޮބައި ހެއްޔެވެ؟ ނަފުރަތުގެ އަނގުރު އަލިފާނުން އަނދަމުންދިޔަ ދެ ލޮލުން ކަރުނަ ނީރައިލިއެވެ. އަންބެއްގެ ނަޒަރުގައި ފިރިޔަކު ވެއްޓޭނެ އެންމެ ދަށު ދަރަޖައަށް ރާޝިދު ވެއްޓިއްޖެއެވެ. ނާދިޔާގެ ހިތްވަރަށް ލޮޅުންއެރި ވަރުން ދެ ފައި ތުރުތުރުއެޅިއެވެ. ތަންތަނުގައި ހިފަހައްޓަމުން ގޮސް ސޯފާގައި އިށީނެވެ. އަޑު ފަޅައިގެންދިޔައީ އެ ހިސާބުންނެވެ. އެ ވަގުތަކީ ދޮރުގެ ރަނގަބީލު ޖެހި ވަގުތެވެ. ދޮރުމަތީގައި ހުންނާނީ ކާކުކަން ނާދިޔާއަށް އެނގެއެވެ. މަޖުބޫރުވީ ހިތާމަތައް ދިރުވައިލާށެވެ. ލޮލުން ކަރުނަ ފުހެލާށެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ވެސް، ހުއްޓައި ނުލައި ރަނގަބީލު ޖަހައެވެ.
"ހާދަ ލަހޭ މަންމަ ދޮރު ހުޅުވާލެއް،" އުމުރުން ތޭރަ އަހަރުގެ ޖީޒާ އެތެރެއަށް ވަންނަމުން ބުންޏެވެ. "ކޯޗެއް ކާން ހުރީ؟"
"މި ހަދާލަނީ އެއްޗެއް އިނގޭ. ލަހެއް ނުވާނެ." ހިތްވަރުކޮށްފައި ނާދިޔާ ބުންޏެވެ.
ޖީޒާ ކުދިކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ. ގެއަށް އަންނައިރު ކާއެއްޗެއް ނުހުންނަ މައްސަލައާއި ޖީޒާގެ ނަސީބާ ގުޅުވައިލިއެވެ. ނާދިޔާގެ ހާލަތު ޖީޒާއަކަށް އިހުސާސެއް ނުކުރެވުނެވެ. ނާދިޔާ ހުރީ ކައިވެނީގެ ދަތުރު އިތުރަށް ކުރިޔަށް ގެންދަންވީތޯ ސުވާލު އުފެދިފައެވެ. މާލޭގައި ނާދިޔާގެ ގެދޮރު އެބަހުއްޓެވެ. ގޭގައި ހުރި އެޕާޓުމަންޓު ހުރީ ޒަމާނީ ފެންވަރަށް ހަދާފައެވެ. އެ ތަނުގައި ހުރީ ދެ ކޮޓަރިއެވެ. ތިން ދަރީން އެބަތިއްބެވެ. ކުދިން ގޮވައިގެން ގެއަށް ގޮއްސިއްޔާ ގެއިން ލިބޭ އާމްދަނީއެއް ނުލިބޭނެއެވެ. ކުދިން އާދަވެފައި ތިބި މުއްސަނދި ދިރިއުޅުމެއް ނުދެވޭނެއެވެ. އަނެއްކޮޅުން ކުދިން ދޫކޮށްލައިފައި ދާހައި ހިތްވަރެއް ނާދިޔާގެ ނެތެވެ. ބައްޕަގެ ފިޔަވަޅުމަތިން ކުދިން ހިނގިޔަދޭކަށް ނާދިޔާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ.
"ކީއްކުރަން ގެއަށް އައީ؟" ކާރުގައި އިން ކަންޗަނާޔާ ދިމާއަށް ރާޝިދު ބުންޏެވެ. ހިތްހަމަނުޖެހިފައިވާ ރާގެއްގައެވެ.
ރާޝިދުގެ ފޯނު ރަނގަބީލުވިއެވެ. ފޯނު ނުނެގިޔަސް ގުޅަނީ ނާދިޔާކަން ރާޝިދަށް އެނގެއެވެ.
"ދެން އަހަރެން ކިހިނެއް ހަދަންވީ؟" ކަންޗަނާ ބުންޏެވެ. "ބޮސް ފޯނެއް ނުނަގާ. އޮފީހަކަށް ނާދޭ. ހިޔެއްނުކުރަން އަހަރެން ގެއަށް ދިޔުމަކީ އެހާ ބޮޑު މައްސަލައަކަށް ވާނެކަމަކަށް. ބޮސްއެއްނު އަހަރެން މާލެއަށް ގެނައީ. އަހަންނަށް ގެ ދެއްކީ ވެސް. އަހަރެން ބޭނުމެއް ނޫން އަލުން ރަށަށް ދާކަށް."
"ރަށަށް ޖެހޭނީ ދާން،" ރާޝިދު މަޑުމަޑުން ބުންޏެވެ. "އެ ނޫން ގޮތެއް ނެތް. ފަހުން ދާނަމޭ ބަލާ. ކަންޗީއަށް އެނގޭތަ ގެއިން އެ ދިމާވީ ކާކުކަން؟"
ރާޝިދުގެ ފޯނުން އަޑު ކެނޑިފައި އަނެއްކާ ވެސް ރަނގަބީލުވާން ފެށިއެވެ. ފޯނަށް ޖަވާބުދިނުމަށް ކަންޗަނާ އެދުނެވެ. ރާޝިދު ފޯނު ނަގައިފައި ކަންޗަނާއަށް ދައްކައިލިއެވެ. ނާދިޔާގެ ފޮޓޯ ފެންނަން އޮތެވެ. "ވައިފް" އަރައިފައި އޮތެވެ.
"އުޕްސް!" ކަންޗަނާ ބުނެލިއެވެ. "ސޮރީ! އެކަމަކު މުސްލިމުންނަށް ދެ އަންހެނުންނާ އިނދެވެއެއްނު!"
ދެ އަންހެނުންނާ އިނދެވުމާއި، ރާޝިދު ބޭޒާރުވި ގޮތަށް ފިރިމީހާ ބޭޒާރުވުމާ ދެމެދުގައި ހުރި ތަފާތު ކަންޗަނާއަކަށް ނުވިސްނެއެވެ. ދެބައިމީހުންގެ ދީނާއި ސަގާފަތު އަޅާކިޔާކަށް ކަންޗަނާއަކަށް ނޭނގެއެވެ. ރާޝިދު ފުން ނޭވައެއް ބޭރުކޮށްލިއެވެ. އެކި ގޮތްގޮތަށް ވާހަކަދައްކައިގެން ރަށަށް ދާން ކަންޗަނާ އެއްބަސްކުރުވިއެވެ. ރަށަށް ފޮނުވައިލިއެވެ. ހުރިހައި ކަމެއް ނިންމައިލައިފައި ގެއަށް ވަދެވުނީ ދަންވަރުއެވެ. ގޭގައި ރޯވި ހުޅުގަނޑުގެ އަސަރު ފެތުރިފައި އޮންނާނީ ކިހާ ހިސާބަކަށް ކަމެއް ރާޝިދަކަށް ނޭނގެއެވެ. ގެއަށް ވަންއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންއިރު ނާދިޔާ އޮތީ ނިދައިފައެވެ. އެހާ އަމާންކޮށް ގެ އޮތުމުން ވެސް ރާޝިދަކަށް ކަމަކުނުދިޔައެވެ. ހިތަށްއެރިއެވެ. އެއީ، ތޫފާން އައުމުގެ ކުރިން ތަނަށް ވެރިވެފައި އޮންނަ ކަހަލަ ހިމޭންކަމެއް ހެއްޔެވެ؟
އެނދުގައި އޮށޯތް ނަމަވެސް ރާޝިދަކަށް ނުނިދުނެވެ. ވިސްނަން އޮވެވުނީއެވެ. ކަންޗަނާޔާ އިތުރު ސުވާލުކުރަން ނާދިޔާއަކަށް ފުރުޞަތެއް ނެތެވެ. ކަންޗަނާ ވީ ތަނެއް ވެސް ނާދިޔާއަކަށް ނޭނގޭނެއެވެ. ދެން އޮތީ ފޮޓޯގެ މައްސަލައެވެ. އެ އިން ސާބިތުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މި ޒަމާނުގައި ކޮންމެ ގޮތަކަށް ވެސް ފޮޓޯ ހެދިދާނެއެވެ. ވީއިރު، ދެން ވިސްނަންވީ ކޮން ކަމަކާ ހެއްޔެވެ؟ މައްސަލަ ޙައްލުވީއެވެ. އެހެން ހިތައި ލޯމަރައިލައިގެން އޮއްވައި ނިދިއްޖެއެވެ. ހޭލެވުނީ އުނދަގޫވެގެންނެވެ. އަތްފައި ޚަރަކާތް ނުކުރެވިގެންނެވެ. ލޯ ހުޅުވައިލިއިރު ރާޝިދުގެ އަތްފައި އޮތީ އައްސައިފައެވެ. ގާތުގައި ނާދިޔާ ކޮޅަށް ހުއްޓެވެ. ވަރަށް ރުޅިއައިސްފައެވެ. ނާދިޔާ އަތުގައި ބޮޑު ވަޅިއެއް އޮތެވެ. ސިއްސައިގެން ގޮސްފައި ރާޝިދަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. ނާދިޔާ އޮތީ ނިދައިފައެވެ. އެކަމަކު ރާޝިދަކަށް ދެނެއް ނުނިދުނެވެ. އިރުއެރީ ކޮޓަރީގައި ރާޝިދު ދެކޮޅަށް ހިނގައިލަހިނގައިލާ ހުއްޓައެވެ.
ރާޝިދު ފެންވަރައިގެން ނުކުތްއިރު ނާދިޔާ އެނދަކު ނެތެވެ. މަޑުމަޑުން ދޮރު ހުޅުވައިފައި ބަލައިލިއިރު ނާދިޔާ ހުރީ ރޮށިދަމާށެވެ. ރާޝިދު ހިތަށްއެރިއެވެ. ހުރިހައި މައްސަލައެއް ޙައްލުވީ ހެއްޔެވެ؟ ވާހަކަ ނުދައްކައި އެ ވަރު ބޮޑު މައްސަލައެއް އޮބޭ ހެއްޔެވެ؟ ރާޝިދު ތައްޔާރުވެގެން ސައިބޯން ނުކުތެވެ. އެ ދުވަހެކޭ އެހެން ދުވަސް ދުވަހެކޭ އެއްވެސް ތަފާތެއް ނެތެވެ. ރޮށި ކޮށައިދީ، ސައި ހަދައިދީ، ފެން ގެނެސްދީ ހެދީ ނާދިޔާއެވެ. ކުރިން ކުރާހާ އޯގާތެރިކޮށެވެ. އެކަމަކު ރާޝިދާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ވާހަކައެއް ނުދައްކައެވެ. ނާދިޔާގެ ހިތް އޮތީ ޝަކުވާތަކުން ފުރިފައެވެ. ބަންޑުންވާން ކައިރިވެފައެވެ. ހަޅޭއްލަވައިގަންނަން ވެސް ބޭނުމެވެ. ރޮއިގަންނަން ވެސް ބޭނުމެވެ. ތަން ނުދިނީ ހާލަތެވެ. ހުރިހައި ރުޅިއެއް ރާޝިދުގެ މޫނަށް ފޮޅައިލައިފައި، ގެއިން ނުކުމެގެން ނާދިޔާއަށް ދެވިދާނެއެވެ. ސުވާލަކީ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ތިން ކުދިން ލިބި، ކުދިން ބޮޑެތިވެފައި ތިއްބައި ނޭނގުމެއްގެ ތެރެއަށް ފުންމައިލަން ނާދިޔާ ބޭނުން ނުވީއެވެ. އޮޔާ ދެކޮޅަށް ފަތާހާ ހިތްވަރު ނާދިޔާގެ ހަށިގަނޑަކު ނެތެވެ.
"މިއަދު ޓިކެޓު ނަގަންވާނެއްނު!" ހަތަރުކަޅި ހަމަނުކޮށް ނާދިޔާ މަޑުމަޑުން ބުނެލިއެވެ.
ޗުއްޓީގައި ސިންގަޕޫރަށް ދާގޮތަށް ކުރިން އޮތީ ރޭވިފައެވެ. ރާޝިދު ހީކުރީ ނާދިޔާ ދެން އެ ދަތުރަކު ނުދާނެކަމަށެވެ. ދާން ހުރިއްޔާ ފެން ފަދައިން ފައިސާ ޚަރަދުކޮށްލަން ރާޝިދު ބޭނުމެވެ. މައްސަލަ ފެންމަތި ނުވެ، ދަރީންނަށް ނުވެސް އެނގި ވަޅުޖެހިދާނެކަމުގެ އުންމީދުގައެވެ.
"އާނ!" ވަރަށް ޖޯޝުގައި ރާޝިދު ބުންޏެވެ. "ފުރަތަމަ ދާނީ ޓިކެޓު ނަގަން."
ތަނަށް ވެރިވީ ހަމަހިމޭންކަމެކެވެ. ދައްކަންވީ ވާހަކަ ދެ މީހުންނަށް އެނގެއެވެ. ނޭނގެނީ ދައްކާނެ ގޮތެކެވެ. ފަށާނެ ހިސާބަކާއި ނިންމާނެ ހިސާބެކެވެ.
ނާދިޔާ އަހަންނަށް މާފު.." ރާޝިދަށް ބުނެވުނީ އެ ހިސާބަށެވެ.
އަތުގެ އިޝާރާތުން ނާދިޔާ ބުނީ އެ ވާހަކަ ނުދެއްކުމަށެވެ.
"މާފެއް ނުކުރެވޭނެ. އިތުބާރެއް ވެސް ދެނެއް ނުކުރެވޭނެ،" ނާދިޔާ އެ ހިސާބަށް ބުނިއިރު ވެސް ފެންކަޅިވެއްޖެއެވެ. "ދަރިން ނެތް ނަމަ، އެންމެ ސިކުންތަކު ވެސް މި ގެއަކު މަޑެއް ނުކުރީމުސް. ކީއްކުރާނީ!"
ސިންގަޕޫރު ދަތުރުގައި ރާޝިދު ވެސް ބައިވެރިވިއެވެ. ދީނީގޮތުން ރާޝިދާއި ނާދިޔާއަކީ ދެމަފިރިންނެވެ. ކުދިން ކުރިމަތީގައި އުޅެނީ އެހެންނެވެ. ޙަޤީޤަތުގައި ދެ ބީރަށްޓެހިންނެވެ. ކަންޗަނާއާއި ރާޝިދު ކައިވެންޏެއް ނުކުރެއެވެ. ކަންޗަނާ ބެހެއްޓީ ލަންކާގައެވެ. އެ ކަން ފަޅައެއްނާރައެވެ. ނާދިޔާއަށް ގޮތެއް ނެތްކަން އެނގުމުން އޭގެ ފައިދާ ނުނަގައި ރާޝިދަށް ނުހުރެވުނީއެވެ. ރާޝިދު ދެކޭގޮތުގައި ކަންޗަނާގެ ސަބަބުން ރާޝިދުގެ ކައިވެންޏަށް ލިބޭނެ އެއްވެސް ނިކަމެތިކަމެއް ނެތެވެ. ފިރިމީހާއަށް އޮންނަ އިތުބާރު ގެއްލުމަކީ ކިހާ ބޮޑު ނިކަމެތިކަމެއްކަމެއް ރާޝިދަކަށް ނުވިސްނެއެވެ. އިމާރާތަކާއި ގެއެއްގެ ދެމެދުގައި ހުރި ތަފާތެއް ވެސް ރާޝިދަކަށް އިހުސާސް ކުރެވިފައެއް ނެތެވެ. އެކަމަކު އެ ދުވަސް އޮތީ ވަރަށް ގާތުގައެވެ.
ނިމުނީ