23 ޑިސެމްބަރ 2017 - 20:32

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމަލް ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ގެ މެމްބަރު ނަމަލްއާ، ރާއްޖޭގެ އިދިކޮޅު ހަރަކާތުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ އެއް މެމްބަރު މަހްލޫފް މި ބައްދަލުކުރެއްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދިވެހި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ބައްދަލުކުރައްވާފައި ވަނިކޮށެވެ.
މަހްލޫފް ވިދާޅުވީ ނަމަލްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް، ސަރުކާރުން ކުރިމަތިކުރަމުންދާ ދަތިތަކުގެ ވާހަކަ ވެސް ނަމަލްއާ ހިއްސާ ކުރެއްވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ގުޅުން ބަދަހިކޮށް، މި ހާލަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން،" މަހްލޫފް "މިހާރު" އަށް ވިދާޅުވި އެވެ.
ނަމަލްއާ އެކު، ޒަމީރު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް އެ ބައްދަލުވުން ބާއްވާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ލަންކާގެ ސަރުކާރު ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އިސް މެމްބަރަކު ކުރެއްވި ތުހުމަތާ މެދު ނަމަލް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ލަންކާ އަށް ފާޑުވިދާޅުވެ ކުރެއްވި ތުހުމަތު ކުށްވެރި ކުރައްވަމުން ނަމަލް ވިދާޅުވެފައި ވަނީ، ސްރީ ލަންކާ އިން ގައުމެއްގެ ވެރިކަން ވައްޓާލަން ދުވަހަކު ވެސް މަސައްކަތް ނުކުރާ ކަމަށާއި ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތު އެ ގައުމުން ނުގެންގުޅޭ ކަމަށެވެ.