23 ޑިސެމްބަރ 2017 - 18:59

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް، އިދިކޮޅު އެމްޑީޕީން ކެމްޕޭން އޮނިގަނޑެއް އެކުލަވާލައިފި އެވެ.
އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެމްޕޭން އޮނިގަނޑެއް އެކުލަވާލީ ޕާޓީގެ އެކި ގުނަންތަކުގެ މަޝްވަރާއާ އެކު ކަމަށެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް އެމްޑީޕީގެ ކެމްޕެއިނަށް ޚާއްސަ އޮނިގަނޑެއް އެކުލަވާލަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އާއްމު އުސޫލުން، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އޮނިގަނޑެއް އެކުލަވާލީ. އޭގައި ކަނޑައަޅާފައިވާނެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް،" ނިޔާޒް ވިދާޅުވި އެވެ.
އެ އޮނިގަނޑުގެ ދަށުން، ކެމްޕޭން ޓީމުތައް އަންނަ މަހުގެ ނިޔަލަށް އެކުލަވާލައި، ފެބުރުއަރީ މަހު އެ ޓީމުތަކަށް ތަމްރީން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކެމްޕޭން ޓީމުތައް އެކުލަވާލާނީ ނިޔާޒް ވިދާޅުވި ގޮތުގައި މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
ނިޔާޒް ވިދާޅުވީ މި އޮނިގަނޑު ފައިނަލް ކުރާނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުން ކަމަށެވެ. އެ ޕާޓީގެ 2018ގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ރަސްމީކޮށް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީގަ އެވެ. ޕްރައިމަރީގައި، ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އިންތިޚާބަށް އެމްޑީޕީން އޮނިގަނޑެއް އެކުލަވާލިއިރު، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެމްޑީޕީ ހިމެނޭ ގޮތަށް އިދިކޮޅު ޕާޓީތަކުން ތާއީދުކުރެ އެވެ. އެކަމަކު، އެ މަޝްވަރާތައް އަދި ވަކިކޮޅެއްގައި ނުޖެހެ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓަކު ނެރެން އެ ޕާޓީން ބޭނުންވާއިރު، އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެން އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.