23 ޑިސެމްބަރ 2017 - 15:48

ފޯ ސިީޒަންސް ކުޑަހުރާގައި ބުދުތަކެއް ބެހެއްޓިކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅުމުން އެ ރަށަށް ފުލުހުން ދިޔަ އިރު އެ އެއްޗެހިތައް ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިސޯޓެއްގައި ބުދުތަކެއް ބެހެއްޓި ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ބެލުމަށް ރިސޯޓަށް ދިޔައިރު ހުރީ ބުދުތައް ނަގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ޗުއްޓީއަށް އަންނަ މީހުންގެ ސަމާލުކަން ހޯދަން އެ ބުދުތައް ބަހައްޓާފައިވަނީ "ދަ ލޮސްޓް ޓެމްޕްލް އޮފް ކުޑަކް"ގެ ތީމަށެވެ. ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ރިސޯޓުގެ ބައެއް މުވައްޒަފުން ވަނީ އެ ތީމަށް ހެދުން ވެސް އަޅައިފަ އެވެ. އަދި ރިސޯޓު ފާލަމުގެ ދެ ފަރާތުގައި ބޮޑެތި ބުދުތައް ބަހައްޓާފައި ވެ އެވެ.
އެކަމަކު ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެހީގެ ތެރޭގައި ހިމެނޭ ބުދުތައް އެތެރެކޮށް، އެ އެއްޗެހި ބެހެއްޓުމުން އާންމުންގެ ތެރޭގައި ވަނީ ޝަކުވާތައް އުފެދިފަ އެވެ.
މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ރިސޯޓަކަށް ބުދުތަކެއް ގެނައި މައްސަލަ އޭރު ހޫނުވި އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބޭއްވި އިރު ބުދެއް ބަހައްޓައިގެން އެކަން ވެސް ހޫނުވި އެވެ.