ސީރިއާގެ ހަނގުރާމައަށް ދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެ
ސީރިއާގެ ހަނގުރާމައަށް ދިޔަ ދިވެހި ޒުވާނަކު މަރުވެއްޖެ

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހދ. ނާވައިދު އަށް އުފަން، އުމުރުން ގާތްގަނޑަކަށް 25 އަހަރުގެ އެ ޒުވާނާ ސީރިއާއަށް ގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ. ސީރިއާއަށް ފުރުމުގެ ކުރިން އޭނާ ދިރިއުޅުނީ ހުޅުމާލޭގަ އެވެ.

އެ ޒުވާނާގެ ގާތް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ ހަފްތާގައި އެމީހާ މަރުވީ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް އޭނާއަށް އަމާޒުވި ވަރުގަދަ ހަމަލާއެއްގަ އެވެ.

"އެންމެ ފަހުން އިންޓަނެޓު މެދުވެރިކޮށް ބައްދަލުވި އިރު، ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާ ކަމަށް. އާއިލާއަށާއި ރައްޓެހިންނަށް ހެޔޮ ދުއާ ރައްދުކޮށް ދިނުމަށް،" އޭނާ ބުންޏެވެ.

ސީރިއާ އަށް ދާ ގިނަ ދިވެހިން ގުޅެނީ އަލްގައިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ޖަމާއަތާ އެވެ. ސީރިއާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ގިނަ ދިވެހިން ވަނީ އެ ގައުމަށް ގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ހަނގުރާމަ ކުރަނިކޮށް ވަނީ މަރުވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެއިން މިހާތަނަށް ދިޔައީ ޖުމްލަ 49 ފިރިހެނެކެވެ. އެކަމަކު، އެ އަދަދު މިހާރު އެއަށްވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުމުގެ ތުހުމަތުގައި ބައެއް ދިވެހިންގެ މައްޗަށް މިހާރު ވެސް ރާއްޖޭގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. ހަނގުރާމަތަކުގައި ބައިވެރިވުމާއި ބައިވެރިވާން އުޅުމަކީ ބޮޑެތި އަދަބުތަކެއް ލިބޭ ކުށެކެވެ.

ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލައި ސީރިޔާ މިނިވަން ކުރެވިއްޖެ ކަމަށް، އިއުލާންކޮށްފައި ވީ ނަމަވެސް، އައިއެސްގެ ކުދި ގުރޫޕްތައް މިހާރު ވެސް ސީރިޔާގެ ބައެއް ކުދިކުދި އަވަށްތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެ އެވެ. އެމީހުންނާ ދެކޮޅަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 400،000 މީހުން މަރުވެފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު މިލިއަނުން ގުނެ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ސީރިޔާ އިން ނުކުތް މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރަ އެވެ.