ބިގް ބޮސް: ބުލީކުރުމުގެ ބޮޑަކީ ހީނާ ޚާން ކަމަށް ފޭނުން ގަބޫލުކުރޭ
ބިގް ބޮސް: ބުލީކުރުމުގެ ބޮޑަކީ ހީނާ ޚާން ކަމަށް ފޭނުން ގަބޫލުކުރޭ

ބިގް ބޮސްގެ ގޭގައި މިހާރު ތިބި ބައިވެރިންގެ ތެރެއިން ވިކާސް ގުޕްތާ ދާދި ފަހުން ވަނީ ހީނާ ޚާން ދިމާކުރުމުން ދެރަވެގެން ރޮއިފަ އެވެ. އެކަމާ ބިގް ބޮސްގެ ފޭނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހިފަ އެވެ. މި ފުރުސަތުގައި ބޮލީވުޑް ވެބްސައިޓަކުން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއް ދައްކާ ގޮތުން މިހާރު ގިނަ ބަޔަކު ގަބޫލުކުރަނީ ބިގް ބޮސްގެ ގޭގައި ހުރި އެންމެ ބޮޑު ބުލީ އަކީ ހީނާ ކަމަށެވެ.

މި ކަން ހިނގަން ދިމާވީ ވިކާސް އަޅައިގެން ނުކުތް ހެދުމަކަށް ހީނާ ފާޑުކިޔަން ފެށި ހިސާބުންނެވެ. ހީނާ ބުނީ މާ ރަސްމީކޮށް ހެދުން އަޅައިގެން ހުރުމުގެ ބަދަލުގައި ދިގުކޮށް ހުންނަ ޓީޝާޓް ލީމަ މާ ރަނގަޅުވާނެ ކަމަށެވެ. އެހިސާބުން ވެސް ހީނާގެ ވާހަކަ ހުއްޓުނީކީ ނޫނެވެ. އޭނާ އިންޓަވިއުއަކަށް ދަނީތޯ ނުވަތަ އަންހެންކުއްޖަކާ ބައްދަލުކުރަން ދަނީތޯ ތަކުރާރުކޮށް ސުވާލުކުރި އެވެ.

އެހިސާބުން އާކާޝް ދަދްލާނީ ވެސް ހީނާއާ ބައިވެރިވި އެވެ. އާކާޝް ބުނީ ބިގް ބޮސްގެ ގެއަށް އަންހެންކުއްޖަކު އައި ނަމަވެސް އެ ކުއްޖަކު ވިކާސްއާ ދިމާލަށް ބަލާ ވެސް ނުލާނެ ކަމަށެވެ. ވިކާސް އަށް ރޮވުނީ އެހިސާބުންނެވެ. ވިކާސް ރޯން ފެށީމަ އޭނާގެ ކައިރިއަށް ގޮސް ހުއްޓުވަން މަސައްކަތްކުރީ އަރްޝީ ޚާނާއި ޕްރިޔަންކް ޝަރުމާ އެވެ. އެހެން އެންމެން ތިބީ މަލާމާތް ކުރާށެވެ.

ޝޯ ބަލާ ބައެއް މީހުންނަށް ގަބޫލުކުރެވުނީ ވިކާސް ރުއީ މީހުންގެ ހަމްދަރުދީ ހޯދަން ކަމަށެވެ. ނަމަވެސް ގިނަ މީހުންނަށް ގަބޫލުކުރެވުނީ އާކާޝް އާއި ހީނާއާ ދެ މީހުން ވެގެން ބުލީކުރީ ކަމަށެވެ.

ހިޔާލު ހޯދުމުގެ ވޯޓުގައި ޖަވާބުދިން މީހުންގެ 43 ޕަސެންޓް ގަބޫލުކުރީ އެންމެ ބޮޑަށް ބުލީކުރާ މީހަކީ ހީނާ ކަމަށެވެ. ދެ ވަނަ އަށް 40 ޕަސެންޓް މީހުން ވޯޓު ދިނީ ބުލީކުރުމުގެ ކުރީގައި އުޅެނީ އާކާޝް ކަމަށެވެ.

ޝިލްޕާ ޝިންޑޭ ވެސް މިދިޔަ ހަފުތާގައި ވިކާސް އަށް ވަރަށް ޖެއްސުން ކުރި އެވެ. އެހެންވެ ޝިލްޕާ ވެސް ވަނީ މި ވޯޓުގައި ހިމަނާފަ އެވެ. ނަމަވެސް ޝިލްޕާ ބުލީކުރާ ކަމަށް ގަބޫލުކުރީ 17 ޕަސެންޓް މީހުންނެވެ.

އެންމެ ހައިރާންވާ ކަމަކަށް ފާހަގަކުރެވުނީ ވިކާސް ހެދުން އެޅި ގޮތާ ބެހޭ ގޮތުން މަލާމާތްކުރި މީހުންނަށް އެއްޗެތި ގޮވުމެވެ. އަދި ޕްރިޔަންކް ވެސް އަރްޝީއާ އެއްބައިވެ އެހެން މީހުންނަށް އެއްޗެތި ކިއެވެ. ޕްރިޔަންކް އަކީ ކުރިން ހީނާގެ ގާތް އެކުވެރިއެއް ނަމަވެސް މިދިޔަ ހަފުތާގައި އޭނާ ވަނީ ހީނާއާ ގުޅުން ކަނޑާލާފަ އެވެ.