04 ޖެނުއަރީ 2018 - 06:58

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ތަރުހީބާ އެކު އޭނާ ވަނީ ވަރަށް އުފާވެފަ އެވެ. ނަމަވެސް ފާއިތުވީ ހަތް އަހަރު ސަލްމާން އުޅެފައިވަނީ ނާރުގެ ބައްޔެއް ޖެހިގެން ވަރަށް ގަދަ ވޭނެއް ބަރުދާސްތުކުރުމުގައި ކަމަށް އޭނާ ބުނެ އެވެ.
ސިކުނޑި އާއި މޫނާ ގުޅިފައިވާ ނާރެއްގައި މައްސަލަ ޖެހުމުން ވަރަށް ވަރުގަދަ ވޭނެއް މުޅި މޫނަށް ފެތުރެ އެވެ.
"ޓައިގާ ޒިންދާ ހޭ"ގައި ސަލްމާންގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުޅުނެވެ. އެފަދަ މަންޒަރުތައް ކުޅުމުން ނާރުގެ މައްސަލަ އިތުރަށް ގޯސްނުވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސަލްމާން ބުނީ މިހާރު އެހާ ބޮޑަށް ނުރިއްސާ ކަމަށެވެ.
"އަހަރެން ވެސް އަޑުއެހިން އަހަރެން ބަލިވިއްޔޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކާ އަޑު. ނަމަވެސް އަހަރެން މި ފިލްމު ކުޅުނުއިރު ބައްޔެއް ނޫން. އަހަންނަށް އުޅެން ޖެހެނީ ވަރަށް ބަލައިގެން. އެނޫން އިތުރު ކަމެއް މިހާރަކު ނެތް،" ސަލްމާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޮލަށް އެހާ ބޮޑަށް ޕްރެޝަރު ނުލިބޭ ކަހަލަ ކޮންމެ ކަމެއް ވެސް މިހާރު އޭނާއަށް ކުރެވެ އެވެ.
"އަހަންނަށް ގުދުވެ، އެކޮޅުކޮޅުން އޮވެ، ބުރު އެއްލާ ނުހެދޭނެ. އެހެން ނޫނަސް ދެން އަހަރެން އެކޮޅުކޮޅުން އެއްލަންވީ ވެސް ކީއްކުރަން؟" ހެމުން ހެމުން ސަލްމާން ބުންޏެވެ.
އޭނާ ބުނީ ހަތް އަހަރު އޭނާ ތަހައްމަލްކުރީ ހަޔާތުގެ އެންމެ ބޮޑު ވޭން ކަމަށެވެ.