24 ޑިސެމްބަރ 2017 - 06:38

އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭކަރްގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ 2017 ގައި ފެނުނު އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި މައިކްރޮސޮފްޓްގެ އެންމެ އިސް ވެރިޔާ ބިލް ގޭޓްސް ސިފަކުރައްވައިފި އެވެ.
"އަލަށް ކައިވެނިކުރި ދެމަފިރިއެއްގެ ބޮލީވުޑް ރޮމޭންސް "ޓޮއިލެޓް: އަ ލަވް ސްޓޯރީ" އަކީ އިންޑިއާގައި ފާޚާނާކުރަން އޮތް ގޮންޖެހުންތަކާ ގުޅޭ ގޮތުން ބެލުންތެރިންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުނު ފިލްމެއް،" ބިގް ގޭޓްސްގެ ޓުވީޓެއްގައި ވެއެވެ.
ބިލް ގޭޓްސް ކަހަލަ ދުނިޔެއަށް މަޝްހޫރު ޝަހްސިއްޔަތެއް އެގޮތަށް ފިލްމަކަށް ތައުރީފު ކުރުމަކީ ޔަގީނުން ވެސް އަކްޝޭ އާއި އޭނާގެ ޓީމަށް ލިބުނު ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ "ޓޮއިލެޓް" އަކީ ހާމަ ތަންތަނަށް ގަލާހާޖާ ކުރުމަށް އިންޑިޔާގެ މީހުންނަށް ހިފިފައިވާ ނުރަނގަޅު އާދައިގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ. މިއީ އިންޑިޔާގައި މިހާރު ވެސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި މައްސަލަ ހައްލުކުރައްވަން "ސްވަޗް ބާރަތު އަބިޔާން"ގެ ނަމުގައި ވަރަށް ވަރުގަދަ ކެމްޕޭނެއް ވެސް ފައްޓަވާފަ އެވެ. މި ކެމްޕޭނަށް ވެސް ފިލްމުގެ ވާހަކައިގައި ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެ އެވެ.
"ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ މި އަހަރު ތެރޭގައި ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަށް 13 ބިލިއަން ރުޕީސް ލިބުނެވެ. މިއީ ފިލްމުގެ ބަޖެޓަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.