ބަންޑުން ޖަހާލި ޑިންގީގައި ތިބި ތިން މީހުން ފެނިއްޖެ
ބަންޑުން ޖަހާލި ޑިންގީގައި ތިބި ތިން މީހުން ފެނިއްޖެ

ގދ. މަޑިހާ ކައިރިއަށް ރޭ ބަންޑުން ޖަހާލި ޑިންގީގައި ތިބި ތިން މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ އަތޮޅު ގައްދޫން ޑިންގީއެއް ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ފަތިހު 5:30 ހާއިރު ކަމަށެެވެ. ކޯސްޓް ގާޑުގެ އުޅަނދަކާއި ސީ އެމްބިއުލެންސެއްް ބޭނުންކޮށްގެން އެ ސަރަހައްދު ބަލަނިކޮށް ތިން މީހުން ފެނިފައިވަނީ 8:10 ހާއިރު މަޑިހާ ކައިރިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ޑިންގީގައި ތިބި އެންމެންގެ ހާލު ރަނގަޅެވެ. އެމީހުން މިހާރު ވަނީ ގައްދޫއަށް ގެންގޮސްފަ އެވެ.

ގައްދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ޑިންގީ ބަންޑުުން ޖަހާލީ ނެރާ ކައިރިން ދަތުރުކުރަނިކޮށް، ރާޅު ބާންޏެއްގައި ޖެހިގެންނެވެ.

އޭނާ ވިދާޅުވީ ޑިންގީ ސަލާމަތްކުރުމުގެ ތެރޭގައި އެ ދުއްވަން ހުރި މީހާގެ ނިތްކުރި އަށް އަނިޔާވެފައިވާ ކަމަށެވެ.

"ކައްޕިގެ ނިތްކުރިއަށް ލިބުނު އަނިޔާތައް ފިޔަވައި، އިތުރު އަނިޔާއެއް ނުލިބޭ. މިހާރު އެ އެންމެން ވެސް ތިބީ މި ރަށުގައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.