23 ޑިސެމްބަރ 2017 - 07:22

ލަންޑަން (ޑިސެމްބަރު 23) – ހަތް މިނެޓުގެ ތެރޭ ހަތަރު ގޯލް ފެނިގެން ދިޔަ މެޗުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް 3-3 އިން އެއްވަރުވެއްޖެ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 26 ވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ލިވަޕޫލަށް ލީޑު ނަގައިދިނެވެ. އަދި 52 ވަނަ މިނެޓުގައި މުހައްމަދު ސަލާހް އެ ޓީމަށް ދެ ވަނަ ލަނޑު ޖެހި އެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ހެކްޓާ ބެލެރިން ނެގި ހުރަހެއް އާސެނަލްގެ އަލެކްސިސް ސަންޗޭޒް ބޮލުން ގޯލަށް ވައްދާލުމާ އެކު އެ ޓީމު މުޅިން ބަދަލުވި އެވެ. އަދި ދެ މިނެޓުގެ ތެރޭ އިތުރު ދެ ލަނޑު ޖަހައި ހައިރާންކުރުވަނި ގޮތަކަށް ލީޑު ނެގި އެވެ. އެއްވަރުކުރި ލަނޑު 56 ވަނަ މިނެޓުގައި ގްރަނިޓް ޝަކާ ޖެހިއިރު ލީޑު ލިބުނީ 58 ވަނަ މިނެޓުގައި މެސުތު އޮޒިލް ޖެހި ގޯލުންނެވެ.
އެކަމަކު 71 ވަނަ މިނެޓުގައި ލިވަޕޫލުގެ ރޮބާޓޯ ފިރްމީނިއޯ ވަނީ ނަތީޖާ ހަމަހަމަކޮށް އެ ޓީމަށް ހަމަޖެހުމެއް ގެނެސްދީފަ އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު 35 ޕޮއިންޓް ހަމަކޮށް ލިވަޕޫލް އޮތީ ހަތަރު ވަނައިގަ އެވެ. އާސެނަލް އޮތީ 34 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ލިވަޕޫލުން މި ގެއްލުވާލީ ހަތަރު ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. ތިން ވަނައިގައި 38 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ޗެލްސީ އެވެ.
ލިވަޕޫލުން ފަހަކަށް އައިސް ގިނަ ގޯލްތައް ޖެހި ނަމަވެސް ޑިފެންސް ބަލިކަށިވުމުން މައްސަލަތައް ދަނީ ދިމާވަމުންނެވެ. ރޭގެ މެޗަކީ ވެސް އެ ސިލްސިލާ އަށް އިތުރުވި ބޮޅެކެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ފުރަތަމަ ހާފުގައި އާސެނަލް އޮތީ ގަނޑުވެ، ވާނގިނެތިފައި ކަމަށާއި ވަރަށް ގިނަ ބޯޅަތަކެއް ދޫވި ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި އާސެނަލުން ފެންވަރު ދައްކާލައި އާސެނަލުގެ ލެވެލުގައި ކުޅުނު ކަމަށް ވެންގާ ބުންޏެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އާސެނަލުގެ ދަނޑުގައި ޕޮއިންޓެއް ލިބުމަކީ އާއްމު ހާލަތަށް ބަލާއިރު މައްސަލައެއް ނޫން ކަމަށާއި އެކަމަކު މިއަދު ކަންދިމާވި ގޮތުން ކުޑަކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.
"އަމިއްލަ ނަފުސު ދެކެ ރުޅި އަންނަން އެބަޖެހޭ. އަހަރެމެން އެނބުރި މެޗުގެ ތެރެއަށް އައިސް ތިން ވަނަ ލަނޑެއް ޖެހިން. އެއް ޕޮއިންޓަކީ މިއަދުގެ މެޗުން އަހަރެމެންނަށް ހައްގުވާ އެންމެ މަދު މިންވަރު. މެޗުގެ ހާލަތު ދިޔަގޮތުން ސީދާ ހުސް ފުރުސަތުތައް ހޯދުން ފަސޭހައެއް ނޫން،" ކްލޮޕް ބުންޏެވެ.
"ގިނަ ވަގުތުތަކުގައި އަހަރެމެން ރަނގަޅަށް ޑިފެންސްކުރިން. އަހަރެމެން ހުސް ޖާގަތަކެއް ނުދެން. (އެކަމަކު) އާސެނަލުން ފުރަތަމަ ގޯލާއި ދެ ވަނަ ގޯލް ޖެހީމާ ދެން ފަސޭހައެއް ނުވާނެ. އެހެންވިޔަސް އަހަރެމެން އެބަޖެހޭ މިފަދަ ހާލަތްތަކާ މިއަށް ވުރެ ރަނގަޅަށް ކުރިމަތިލާން."