އިރޭ އަންނަ އަހަރު ވެސް ފެންނާނީ މާޒިޔާ އިން
އިރޭ އަންނަ އަހަރު ވެސް ފެންނާނީ މާޒިޔާ އިން

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

މީގެ ތިން އަހަރު ކުރިން ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިރޭ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރޭގައި އިރޭ ހިމެނެ އެވެ.

އިރޭ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަދި މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އިން ކާމިޔާބުކުރިއިރު ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން އިރޭ ވަނީ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.

މި ސީޒަނުގައި މާޒިޔާ އިން މަރުޔާން ސެކުލޮސްކީގެ ކޯޗުކަމުގައި ކުޅުނުއިރު ފުރަތަމަ މެޗުތަކުގައި އިރޭ އަށް ފުރުސަތު ނުލިބެ އެވެ. އެހެން ނަމަވެސް ކުޅުން ރަނގަޅުކޮށް ވަކި ހިސާބަކުން ޓީމުން ޖާގަ ހޯދައި، މަގާމު ދެމެހެއްޓި އެވެ. އަދި އެ ޓީމުން އެސްޓީއޯ މާލޭ ލީގު ޗެމްޕިއަންކަން ހޯދިއިރު، އިރޭގެ ދައުރު ބޮޑެވެ.

ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގައި އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި މާޒިޔާއިން ކުޅުނުއިރު އިރޭ ވަނީ ބައެއް މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާއާ ގިނަ ކުޅުންތެރިންތަކެއް ގުޅޭނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް އެ ޓީމު ދޫކޮށްލީ މިދިޔަ ތިން އަހަރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. އުމެއިރު ބަދަލުވީ އޭނާ ކުރިން ކުޅުނު ނިއު ރޭޑިއަންޓަށެވެ.