އައިފޯން ޑިސްޕްލޭ ވިޔަފާރިން ސެމްސަންގަށް 20 ބިލިއަން ޑޮލަރު
އައިފޯން ޑިސްޕްލޭ ވިޔަފާރިން ސެމްސަންގަށް 20 ބިލިއަން ޑޮލަރު

ސެމްސަންގްއިން 50 މިލިއަން "އޯލެޑް ޕެނަލް" އެޕަލް އަށް މި އަހަރު ވިއްކާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ. އެއީ އައިފޯން 10 އަށް ބޭނުންވާ ޑިސްޕްލޭ އެވެ. ބުނެވޭ ގޮތުގައި، ގެލަކްސީ އެސް8 އަށް ބޭނުންވާ ބައިތަކުން ލިބޭ ފައިދާ އަށް ވުރެ ބޮޑު އާމްދަނީއެއް، އެޕަލް އަށް އޯލެޑް ޕެނަލް ވިއްކައިގެން ސެމްސަންގް އަށް ލިބެ އެވެ. އެ ގޮތުން، އެޕަލްއިން ސެމްސަންގް އަށް ލިބޭ ފައިދާ އަދި ވެސް އޮތީ އިތުރުވާ ގޮތަށެވެ.

ސައުތު ކޮރެއާއިން ލިބޭ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ އަހަރު، 2018ގައި، 180-200 މިލިއަން އޯލެޑް ސްކްރީނަށް އެޕަލް އޯޑަރު ދޭނެ އެވެ. ދޭހަ އަކީ، އެ މިންވަރަށް އޯލެޑް ޑިސްޕްލޭ އުފައްދަން ސެމްސަންގް އަށް އޯޑަރުލި ބިއްޖެ ނަމަ، 19.8-22 ބިލިއަން ޑޮލަރު އެ ކުންފުނީގެ އާމްދަނީއަށް ވަންނާނެ އެވެ. އެހެންކަމުން ސެމްސަންގް އަމިއްލަ ފޯނުތައް ހުއްޓާލާފައި، އެޕަލް އަށް ބައިތައް އުފެއްދުން ވެސް، ކުރަން ޖެހޭ މަސައްކަތްތަކުގެ ނިސްބަތުން ފައިދާ ބޮޑު ކަމަށް ބެލެވެ އެވެ.

މަސްރަހުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ސެމްސަންގްއިން އަންނަ އަހަރު އެޕަލް އަށް އުފައްދައިދޭ އޯލެޑް ޕެނަލްތަކުގެ ފެންވަރު މި އަހަރަށް ވުރެ ރަނގަޅުވާނެ އެވެ. ސަބަބަކީ އައިފޯނުގައި ދަމަހައްޓަން އެޕަލް ބޭނުންވާ ފެންވަރު ވެސް ރަނގަޅުވުމެވެ. އެޕަލްއިން ބޭނުންވާ ވަކި ގޮތަކަށް، ވަކި ނިސްބަތަކަށް ޑިސްޕްލޭ އުފެއްދުމަށް އެންމެ ގާބިލު ކުންފުންޏަކީ ވެސް ސެމްސަންގް ކަމަށް އެޕަލް ދެކެ އެވެ.

އެޕަލްއިން ދެން އައިފޯން ސިލްސިލާ އަށް އިތުރުކުރާނެ ކަމަށް ލަފާކުރެވޭ މޮޑެލްތަކާ ގުޅޭ ގޮތުން މިހާރު ވެސް މަޖާ ވާހަކަތައް ދެކެވެ އެވެ. އެއީ ފަހަރުގައި އައިފޯން 9 އަށް ވެދާނެ އެވެ. އައިފޯން 11 ނުވަތަ އައިފޯން 10 ޕްލަސް ވެސް އޮތީ އެވެ. "އައިފޯން އެކްސްއެލް" ކިހިނެއްވާނެ ހެއްޔެވެ؟