ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން މައްސަލައެއް ބަލަނީ
ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.

މަޑުއްވަރީގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ޚާއްސަ ތަހުގީގެއް ކުރަމުންދާ ކަން ފުލުހުން ކަށަވަރުކޮށް ދިނަސް އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދިނުމަކީ ރާއްޖޭގައި މަދުން ނަމަވެސް ހިނގާ ކަމެކެވެ. ފަހުގެ ތާރީޚުގައި ފުލުހުންގެ އުޅަނދުތަކަށް އެންމެ ބޮޑަށް ގެއްލުން ދިނީ ފެބްރުއަރީ، 2012 ގައި ވެރިކަން ބަދަލުވުމުން ހިނގައިދިޔަ ހަމަނުޖެހުންތަކުގަ އެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ 100 ވަރަކަށް ވެހިކަލްގައި ރޯކޮށްލައި، ބޭނުން ނުކުރެވޭ މިންވަރަށް ވަނީ އަންދާލައިފަ އެވެ.