22 ޑިސެމްބަރ 2017 - 11:04

އިންސާނާ އާއި ﷲ އާ ދެމެދު އޮންނަން ޖެހޭ ގުޅުމަކީ އެކަލާނގެ އަށް އިންސާނާ އަޅުވެތިވުމުގެ ގުޅުމެވެ. އެބަހީ އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ މައިދާންތަކެއްގައި އޭނާގެ އެންމެހާ ބަސްތަކާއި އަމަލުތަކާއި ފިކުރުތަކާއި ޖަޒުބާތުތައް ﷲ ރުހިވޮޑިގެންވާ އަދި ލޯބިވެ ވޮޑިގެންވާ ގޮތަށް އޮތުމެވެ. އަޅުވެތިވުން މާނަ ކުރަން ޖެހޭނީ މިފަދަ ޝާމިލު ގޮތެއްގަ އެވެ.
ސަބަބަކީ ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ލިބުން ނުވަތަ މީގެ އިދިކޮޅު އޮތީ ހަމައެކަނި ﷲ އާ ސީދާސީދާ ކޮށް އޮންނަ ގުޅުންތައް ކަމުގައިވާ އިބާދާތުތަކުގައި އެކަނި ކަމަށް ނުވާތީ އެވެ. މީގެ އިތުރުން އިންސާނުން އެކަކު އަނެކަކާ އޮންނަ ގުޅުންތަކުގަ އާއި އަދި ކައުނުގައިވާ އެންމެހާ ތަކެއްޗާ އޮންނަ ގުޅުންތަކުގައި ވެސް ﷲ ގެ ރުހިވޮޑިގަތުމާއި ލޯބި ލިބުން ނުވަތަ މީގެ އިދިކޮޅު އޮންނާތީ އެވެ.
އެހެންކަމުން ﷲ އަށް އަޅުވެތިވުން ތަފާތު ތިން ހައިސިއްޔަތަކުން އޮންނަން ޖެހޭކަން އެބަ ފާހަގަ ވެއެވެ. އެއީ ދީނީ ހައިސިއްޔަތާއި، އިޖުތިމާއީ ހައިސިއްޔަތާއި، ކައުނީ ހައިސިއްޔަތެވެ. މި ތިން ހައިސިއްޔަތުން ވެސް ﷲ އަށް އަޅުވެތިވުން އިންސާނާގެ ކިބައިން ފެންނަން ޖެހޭނެ އެވެ.
ދީނީ ހައިސިއްޔަތުން ބަލާއިރު ﷲ އަށް އަޅުވެތިވެވޭނީ އެއްކައުވަންތަ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި ރަސޫލުންނަށާއި ބާވާލެއްވި ފޮތްތަކަށާއި އާޚިރަތް ދުވަހަށާއި މިންވަރަށް އީމާން ވެގެންނެވެ. އަދި މި އީމާން ކަމުގެ ނަތީޖާއެއްގެ ގޮތުން އެންމެހާ އިބާދާތުތައް ފުރިހަމަ ކޮށްގެންނެވެ. މިކަންކަން ފުރިހަމަ ކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާނީ މިކަންކަމާ ގުޅޭ އިލްމުތައް ލިބުމެވެ. އެއަށްފަހު އަމަލީ ގޮތުން މިކަންކަމުގެ ތަމްރީނުތައް ލިބި ނަފްސުތައް ހޭނުވުމެވެ. މިއީ ތައުލީމީ އަދި ތަރުބަވީ މުއައްސަސާ ތަކުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ.
އިޖުތިމާއީ ހައިސިއްޔަތުން ބަލާއިރު ﷲ އަށް އަޅުވެތިވެވޭނީ އިޖުތިމާއީ އެންމެހާ ރިވެތި އަޚުލާގާއި އިޖުތިމާއީ ތަކާފުލުގެ ތެރެއިން ހިމެނޭ އެންމެހާ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވިގެންނެވެ. މިގޮތުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އަދުލު އިންސާފާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި ހެޔޮ ފޯރުވުން ފަދަ ރިވެތި އެންމެހާ އަހުލާގު ތަކާއި އެކަކު އަނެކަކަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި މައުނަވީ ގޮތުން އަދާކޮށްދޭން ޖެހޭ އެންމެހާ ހައްގުތައް އަދާ ކުރުން ހިމެނެނީ ﷲ އަށް އަޅުވެތިވުމުގެ ތެރެއިންނެވެ. މިކަންކަން ފުރިހަމަ ކުރުމަށްޓަކައިވެސް އެންމެ ފުރަތަމަ ބޭނުންވަނީ އިސްލާމީ އިޖުތިމާއީ އަޚްލާގުތަކާއި އިޖުތިމާއީ ތަކާފުލުގެ ތެރެއިން މުސްލިމުން ކުރަން ޖެހޭ ކަންކަމުގެ މައުލޫމާތު ދަސްކުރުމެވެ. އެއަށްފަހު އެކަންކަން އަމަލީ ގޮތުން ކުރުމަށް ނަފްސުތައް ހޭނުވުމެވެ.
ކައުނީ ހައިސިއްޔަތުން ބަލާއިރު ﷲ އަށް އަޅުވެތިވެވޭނީ ކައުނުގައިވާ އެންމެހާ މަޚްލޫގުން އުފެދިފައިވާ ގޮތުގެ ފުރިހަމަ ކަމާއި އެއިން މީސްތަކުންނަށް ލިބޭ މަންފާތައް އިހުސާސް ކޮށް ﷲ އަށް ޝުކުރުވެރިވުމާއި އެ ނިއުމަތްތަކުގެ ބޭނުން އެކަލާނގެ އަންގަވާފައިވާ ގޮތުގައި ހިފުމުންނެވެ. މިކަން ފުރިހަމަ ކުރުމަށްޓަކައި ވެސް ހަމަ އެންމެ ފުރަތަމަ ކަމަކީ ކައުނުގައިވާ އެންމެހާ ތަބީއީ އިލާހީ ގާނޫނުތައް ދެނެގަތުމެވެ. އަދި އެ ގާނޫނުތަކުގެ ބޭނުން ހިފައިގެން ﷲ އަންގަވާފައިވާ ގޮތުގައި ކައުނުން މަންފާ ލިބިގަތުމަށް ދަސްކުރުމެވެ. ތަބީއީ ގާނޫނުތައް ދަސްކުރުމަށްޓަކައި ސައިންސުގެ އެކިއެކި މައުލޫމާތުތަކަށް އިންސާނާ ހޭލުންތެރިވާން ޖެހެއެވެ.
ﷲ އަށް އަޅުވެތިވުން މި ތިން ހައިސިއްޔަތުން އެކުއެކީގައި ޝާމިލުކޮށް ފެނިގެން މެނުވީ އަޅުވެތިވުން ފުރިހަމަވީ ކަމުގައި ނުވާނެ އެވެ. މިއިން އެއްވެސް ހައިސިއްޔަތެއް އުނިވުމަކީ ނުވަތަ ހައިސިއްޔަތުތައް ވަކިވަކި ވުމަކީ މިއިން ކޮންމެ ހައިސިއްޔަތެއްގެ ބާރު ކަނޑުވާލައި އޭގެ މަންފާ ގެއްލުވާލާނެ ކަމެކެވެ. މިގޮތުން ﷲ އަށް އަޅުވެތިވުމަކީ ހަމައެކަނި ދީނީ ހައިސިއްޔަތުން އޮންނަ ކަމެއް ކަމަށް ބަލައިފި ނަމަ އެއިން ލިބޭ އެންމެ ފުރަތަމަ ގެއްލުމަކީ އަނެއް ދެ ހައިސިއްޔަތު ހަނދާން ނައްތާލެވުމެވެ. އޭގެ ސަބަބުން އިޖުތިމާއީ ކަންކަމާއި ކައުނީ ކަންކަން ދެނެގަނެ ދިރާސާ ކުރުން ހުއްޓި ދިއުމެވެ.
ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ އަހުލާގާއި ތަކާފުލަކީ ﷲ އަށް އަޅުވެތިވުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި ނުބަލައި އެއީ ހަމައެކަނި އެމީހަކު ބޭނުންނަމަ ކުރަން އޮތް ކަމެއް ކަމަށް ބެލުމެވެ. މީގެ އާޚިރު ނަތީޖާ އަކީ މުޖުތަމައު ވިއްސިވިހާލިވެ އެއްބައިވަންތަކަމާއި އެކުވެރިކަން ގެއްލި ދިއުމެވެ. މީގެ އިތުރުން ކައުނުގެ ކަންކަން ދިރާސާކޮށް އިލްމީގޮތުން ކުރިއެރުމާއި ތަރައްގީ ހޯދުމަކީ ހަމައެކަނި ދުނިޔަވީ ކަމެއް ކަމުގައި ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިއެރުމާއި ތަރައްގީ އަށް ހުރަސް އެޅެއެވެ.
ދެވަނަ ގެއްލުމަކީ ކަންނެތްކަމާއި ތަވާކުލު ކުރުން (ސަބަބުތަކުގައި ނުހިފައި ވަކީލުކޮށްގެންނޭ ކިޔައިގެން ތިބުން) މަތީ ދެމިތިބެން މީސްތަކުންނަށް އާދަ ވުމެވެ. މުޖުތަމައަށް ކުރިމަތިވާ މައްސަލަތަކާއި ބޭރުން އަންނަ ގޮންޖެހުންތަކާއި ތަބީއީ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ތަފާތު ހާދިސާ ތަކަށް ތައްޔާރު ވުމެއް ނުވަތަ ކުރިމަތިލުމެއް ނެތުމެވެ. ނަތީޖާ އަކީ އިންސާނީ ދިރިއުޅުން ނާތަހުޒީބު ކަން މަތީ ދެމި އޮތުމެވެ.
ތިންވަނަ ގެއްލުމަކީ އިޖުތިމާއީ އަދި ކައުނީ މައިދާނުގައި މަގުދެއްކުމާއި އިރުޝާދު ދިނުން ހުއްޓިގެން ދިއުމެވެ. ނަތީޖާއަކަށް ވާނީ އެ ދެ ދާއިރާގައި އަހުލާގަކީ ނެތް އެއްޗެއް ކަމަށްވެ ކޮންމެ މީހަކުވެސް މާއްދީ ގޮތުން އެމީހަކަށް މަންފާ އޮންނަ ގޮތަށް އެކަނި ކަންތައްތައް ކުރުމަށް ނަފްސުތައް ތަމްރީނު ވުމެވެ. މާއްދިއްޔަތަށް ލެނބުމުގެ ސަބަބުން ރޫހާނީ ބައިގެ ތަރުބިޔަތު ނުލިބި އެއްބަޔަކު އުޅެމުން ދާއިރު އަނެއް ބަޔަކު ދުނިޔަވީ ކަންކަމަށް އެއްވެސް ލޯހުޅުވުމެއް ނެތި ހަމައެކަނި ދީނީ ހައިސިއްޔަތުން އަޅުވެތިވާން ތަރުބިޔަތު ވެފައިވާ ބަޔަކަށް ވެގެން ދިއުމެވެ.
ހަތަރުވަނަ ގެއްލުމަކީ މުޖުތަމައު އިސްލާހު ކުރުމުގެ މަސައްކަތުގެ ދައުރު މުޖުތަމައުން ނެތިދިއުމެވެ. ނަތީޖާ އަކީ ހެޔޮ ކަންތައްތަކުގެ ބަދަލުގައި ނުބައި ކަންތައްތައް އާންމުވާން ފުރުސަތު ލިބުމެވެ. އަދި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ދީނާއި ދުނިޔެ ވަކި ކުރަން ބާރު ލިބުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު ހެޔޮ ކަމަކީ ހަމައެކަނި މޫނުތައް އިރުމައްޗަށް ނުވަތަ ހުޅަނގަށް ކުރިމަތި ކުރުމެއް ނޫނެވެ. ނުވަތަ އަޅުކަމުގެ ގޮތުގައި އެއްވެސް މާނައެއް ރޫހެއް ނެތި ބޭރުފުށުން ހަރަކާތްތަކެއް ދެއްކުމެއް ވެސް ނޫނެވެ.
އެކަމަކު އިޖުތިމާއީ އެތައް ކަމެއް ހެޔޮކަމުގެ ތެރެއަށް ވަދެއެވެ. މިގޮތުން އަލްބަޤަރާ ސޫރަތުގެ 177 ވަނަ އާޔަތުން އެނގޭ ގޮތުގައި ހެޔޮކަންތަކުގެ ތެރޭގައި ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނާއި ދަތިވެގެން އެދޭ މީހުންނަށް މުދަލުން ހޭދަ ކުރުމާއި އަޅުން މިނިވަން ކުރުން ހިމެނެއެވެ. މީގެ އިތުރުން އަހުދަށް ވަފާތެރިވުމާއި ދަތި އުނދަގޫ ހާލަތްތަކަށް ކެތްކުރުންވެސް ހިމެނެ އެވެ.
ހެޔޮކަމަކީ ﷲ އަށް އަޅުވެތިވުމުގެ މުހިންމު ބައެއް ކަމުގައި ވާހިނދު މި ހައިސިއްޔަތުން ވެސް ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭނެ އެވެ. ހަމައެފަދައިން ކައުނީ ހައިސިއްޔަތުން ވެސް ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭނެ އެވެ. އާލް ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އެނގޭ ގޮތުގައި ބުއްދީގެ އަހުލުވެރިން ނަމަ ކޮޅަށް ތިބޭ ހާލުގައާއި އޮށޯވެ އޮންނަ ހާލަތުގައި އެމީހުން ﷲ އަށް ޒިކުރު ކުރުމާ އެކު އުޑުތަކާއި ބިން ހެއްދެވިފައިވާ ގޮތާ މެދު ފިކުރުކޮށް އެއީ ބާތިލު ގޮތުގައި ހެއްދެވިގެންވާ ތަކެތި ނޫން ކަމަށް އިއުތިރާފު ވާނެ އެވެ.
އިސްލާމް ދީނުގައިވާ އިބާދާތުތަކަށް ބަލައިލާ އިރުވެސް އަޅުވެތިވުމުގައި އިޖުތިމާއީ ހައިސިއްޔަތު އޮންނަން ޖެހޭނެކަން އެނގެއެވެ. ސަބަބަކީ އެއިން އިޖުތިމާއީ އެތައް ކަންތައްތަކެއް ދަސްކޮށްދޭތީ އެވެ. މިސާލަކަށް ޖަމާއަތުގެ ނަމާދުން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކަކު އަނެކެއްގެ ހާލު އަހުވާލު ބެލުމުގެ އާދަ ދަސްކޮށްދެ އެވެ. ޒަކާތުން ފަގީރުންނާއި މިސްކީނުންނާއި އެނޫންވެސް އެހެން ފަރާތްތަކަށް އެހި ފޯރުކޮށްދެވެ އެވެ. އަދިވެސް އެހެން އިޖުތިމާއީ ކަންކަން ދަސްކޮށްދެ އެވެ.
މިފަދަ ކަންކަމަށް ސަމާލުކަން ނުދިނުމަކީ މީހާގެ އީމާންތެރިކަން އުނިވާ ކަމެއްކަން ވަރަށް ގިނަ ހަދީސްތަކުން އެނގެއެވެ. މިސާލަކަށް އަވައްޓެރިންނަށް ކަމޭ ނުހިތުމަކީ އީމާންކަން އުނިވާ ކަމެކެވެ. ޔަތީމުން ކޮށްޕައި ދުރަށް ލުމާއި މިސްކީނުންނަށް ކާން ދިނުމުގެ މައްޗަށް ބާރު ނޭޅުން ކީރިތި ޤުރުއާނުގައި ސިފަ ކުރަނީ ދީން ނުވަތަ ގިޔާމަތް ދުވަހުގެ ޖަޒާ ދޮގުކުރުން ކަމުގަ އެވެ. (އަލްމާޢޫން 1-3)
މުސްލިމުން ކީރިތި ރަސޫލާ އަށް ބައިއަތު ހިއްޕަވާ އިރުވެސް އެކަލޭގެފާނު ގަބޫލުފުޅު ކުރައްވަނީ އޭގައި ޒަކާތް ދިނުމާއި ސަދަގާތްކުރުމާއި ޖާނާއި މާލުން ޖިހާދު ކުރުން ފަދަ އިޖުތިމާއީ ކަންކަން ހިމެނީމަ އެވެ. އެހެންނޫން ނަމަ ބައިއަތު ގަބޫލުފުޅު ނުކުރައްވަވަ އެވެ. މިއިން ނަމޫނާ ލިބިވަޑައިގެން އަބޫބަކުރުގެފާނު ވެސް ޒަކާތް ނުދެއްކި މީހުންނާ ހަނގުރާމަ ކުރެއްވި އެވެ.
މިފަދަ އެތައް މިސާލަކުން އެނގެނީ ﷲ އަށް އަޅުވެތިވުން ފުރިހަމަ ކުރެވޭނީ ދީނީ ހައިސިއްޔަތުގެ އިތުރުން އިޖުތިމާއީ ހައިސިއްޔަތުންނާއި ކައުނީ ހައިސިއްޔަތުންވެސް އިންސާނާ ﷲ އަށް އަޅުވެތިވެގެން ކަމެވެ.