10 ޖުލައި 2016 - 14:13

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ފާރިސް މައުމޫނާ މެދު ސުލޫކީ ކޮމެޓީން އެއްވެސް ފިޔަވަޅެއް އެޅި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ސާފުކޮށްދޭން ޕާޓީ އޮފީހުގައި އޭނާ އެދިވަޑައިގެންފި އެވެ.
ސުލޫކީ ކޮމިޓީން ފާރިސް މިދިޔަ ހަފުތާގައި ޕީޕީއެމުން ވަކިކުރީ، އިއުލާން ނުކޮށް ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވަކިކުރީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ނެތި ކޮމެޓީތައް ނުބޭއްވޭނެ ކަމަށް އަންގާފައި ވަނިކޮށް، ޕާޓީ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިގެންނެވެ.
އެ ނިންމުމާ ގުޅިގެން ފާރިސް މިދިއަ ބުރާސްފަތިދުވަހު ފޮނުއްވި ސިޓީގައި ލިއެފައި ވަނީ އޭނާގެ މައްސަލައެއް ސުލޫކީ ކޮމެޓީ އަށް ހުށަހަޅައި ބަލަމުންދާކަން އެނގިވަޑައިގެންނެވީ މީޑިއާ އިން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ގުޅޭ މިފަދަ އެއްވެސް މައްސަލައެއް ބަލާ ކަމަށް ވާ ނަމަ މައްސަލަ ރައްދުވާ ފަރާތާ ބެހޭ ގޮތުން، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ސުލޫކީ ކޮމެޓީގެ ހިންގާ ގަވާއިދާއި ޕާޓީގެ ސުލޫކީ ފިޔަވަޅު އެޅުމާ ބެހޭ ގަވާއިދު ބުނާ އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށްފައި ނުވާ ވާހަކަ ދަންނަވަމެވެ،" ފާރިސްގެ ސިޓީގައިވެ އެވެ.
ފާރިސް އެދިވަޑައިގެންފައި ވަނީ ޕާޓީގެ އެއްވެސް ގުނަވަނަކުން އޭނާއާ ގުޅޭ ގޮތުން ނިންމުމެއް ނިންމާފައިވާ ނަމަ ރަސްމީކޮށް އެކަން އަންގައިދިނުމަށެވެ.
ޕީޕީއެމްގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން ފާރިސްއާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ އަށް ފޮނުވީ ރައީސް އަބްދުﷲ ޔާމީން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. އެކަމަކު މައުމޫން ވަނީ ފާރިސް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
ފާރިސް އަމަލުކުރެއްވީ މައުމޫން އެންގެވި ގޮތަށް ކަމަށާއި ވިޕްލައިނާ ހިލާފުވި އެހެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅައި ފާރިސްއާ މެދު ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.