ޖިރޫ ނުލިބުމުން ބަޔާނުން ވެގްނާ ގަނެފި
ޖިރޫ ނުލިބުމުން ބަޔާނުން ވެގްނާ ގަނެފި

މިއުނިކް (ޑިސެމްބަރު 22) - އާސެނަލްގެ ފޯވާޑް އޮލިވިއޭ ޖިރޫ ނުލިބުމުން ބަޔާން މިއުނިކުން ހޮފެންހައިމް އަށް ކުޅޭ ޖަރުމަނުގެ ފޯވާޑް ސަންޑްރޯ ވެގްނާ ގަނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮބަޓް ލެވަންޑޯސްކީ އަށް އަރާމްކުރަން ފުރުސަތު ނުލިބި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ފޯމު ދަށްވުމުން އޭނާ ވަނީ ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ގާތު ޝަކުވާކޮށްފަ އެވެ. އޭގެ ފަހުން ބަޔާނުން ވަނީ ގިނަ ފޯވާޑުންތަކަކާ މަޝްވަރާކޮށްފަ އެވެ. އެގޮތުން އެ ޓީމުން ފުރަތަމަ ބޭނުންވީ ޖިރޫ އެވެ.

ޖިރޫ ހޯދަން ބަޔާނުން ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އާސެނަލުން ޖިރޫ ވިއްކާލަން ބޭނުމެއް ނުވެ އެވެ. އާސެނަލްގެ ވިސްނުމަކީ ލޯން އުސޫލުން ޖިރޫ ދޫކޮށްލުމަށެވެ. އެހެން ކަމުން ބަޔާނުން ވަނީ ވިސްނުން ބަދަލުކޮށް ވެގްނާގެ ސޮއި ހޯދައިފަ އެވެ.

އުމުރުން 30 އަހަރުގެ ވެގްނާ އަކީ ފާއިތުވި އަހަރުތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދާފައިވާ ފޯވާޑެކެވެ. ވެގްނާ ފުޓްބޯޅަ ކެރިއަރު ފެށީ 1995 ވަނަ އަހަރު ބަޔާނުގެ ޔޫތު ޓީމުންނެވެ. އޭގެ ފަހުން ސީނިއާ ޓީމަށް ވެސް މެޗުތަކެއް ކުޅުނެވެ. އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ ހޮފެންހައިމަށް ބަދަލުވި ފަހުންނެވެ.

ހޮފެންހައިމްގައި ވެގްނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ އޭނާ އަށް ގައުމީ ޓީމުން ވެސް ޖާގަ ދީފަ އެވެ. އަދި އޭނާ އަކީ މި ފަހަރު ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކުރި ޖަރުމަން ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ.

ބަޔާނުން ވެގްނާ ގަތީ 2020 ވަނަ އަހަރާ ހަމައަށެވެ. އޭނާ ހޯދުމަށް ބަޔާނުން ވަނީ 15 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެ.

ބަޔާނުގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމިޑްޒިޗް ބުނީ ވެގްނާ އެ ޓީމާ ގުޅުމުން ކުރިއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށާއި ޓީމުގެ އެއް ނަމްބަރު ފޯވާޑް ލެވަންޑޯސްކީ އަށް ލުޔެއް ލިބޭނެ ކަމަށެވެ.

ވެގްނާ ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް އާއި ކްރިސްޓަލް ޕެލަސް އަދި ސްޓޯކް ސިޓީން މަސައްކަތްކުރި އެވެ.