"އޭ ދިލް ހެ މުޝްކިލް"ގައި ފަވާދު އާއި އަނުޝްކާ ގެ ރޯލު
"އޭ ދިލް ހެ މުޝްކިލް"ގައި ފަވާދު އާއި އަނުޝްކާ ގެ ރޯލު

ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ ކަހަލަ އާދަކޮށް ފިލްމުތަކުން ނުފެންނަ ޖޯޑުތައް ހިމެނޭ ފިލްމުތަކުގެ ވާހަކަ އާއްމުކޮށް ވަރަށް ގަދަޔަށް ދެކެވެ އެވެ. އެގޮތުން ކަރަން ޖޯހަރް ޑައިރެކްޓްކުރާ "އޭ ދިލް ހެ މުޝްކިލް" ގެ ވާހަކަ ވެސް މިހާރު ވަރަށް ގިނައިން ނޫސްތަކުން ފެނެ އެވެ.

އައިޝްވަރިޔާ އާއި ރަންބީރު ނޫނަސް ފިލްމުގައި ވަރަށް ޝައުގުވެރި އެހެން ޖޯޑެއް ވެސް ހަރަކާތްތެރިވެ އެވެ. އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާނެވެ. އަދި މިހާރު ވަނީ މި ދެ އެކްޓަރުން ފިލްމުގައި އަދާކުރާ ލޯބީގެ ރޯލާ ބެހޭ އިތުރު ތަފްސީލުތައް ވެސް ލިބިފަ އެވެ.

އިންޑިއަން އެކްސްޕްރެސްގައި ބުނާ ގޮތުން މި ދެ ތަރިން ކުޅެނީ ޕާކިސްތާނު ދެ ލޯބިވެރިއެއްގެ ކެރެކްޓާ އެވެ. ގައުމުން ބޭރުގައި މި ދެ މީހުން ބައްދަލުވެ އެކަކު އަނެކަކު ދެކެ ލޯބި ވެވެނީ އެވެ.

ފިލްމުގައި އަނުޝްކާގެ އަކީ ޕާކިސްތާނުގެ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އަދި ފަވާދު އަކީ ފަގީރު އާއިލާއެއްގެ މީހެކެވެ. އެހެންކަމުން އަނުޝްކާގެ ކައިވެންޏަށް ފަވާދު އެދުމުން އެކަމާ އަނުޝްކާގެ އާއިލާއިން އިންކާރު ކުރަނީ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން އަނުޝްކާ ގެއިން ނުކުމެގެން ދަނީ އެވެ. ފަހުން އަނުޝްކާ އާއި ފަވާދު ބައްދަލުވާކަން ނުވަތަ ނޫންކަން އެނގޭނީ ފިލްމު ބަލާލީމަ އެވެ.

ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.