21 ޑިސެމްބަރ 2017 - 13:21

ބިޑަށް ނުލައި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ހަރަދުކޮށްފި އެވެ.
އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ އާ ހޮސްޕިޓަލުގެ ޚިދުމަތް ފަށަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އިމާރާތް ނިންމަން ބޭނުންވާ ފައިސާ ވެސް ހިމެނެ އެވެ.
އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ 25 ބުރީގެ އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އެތަނުން އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
ހޮސްޕިޓަލް އިމާރާތްކުރަން 143 މިލިއަން ޑޮލަރު ހޭދަވެ އެވެ. އެހެންކަމުން މިހާތަނަށް އެ މަސައްކަތުގެ އަގުގެ 70 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެ ވަނީ ދައްކައިފަ އެވެ. އަދި މުޅި އަގުގެ 90 ޕަސެންޓް ފައިސާ، އިމާރާތް ނިމެންވާއިރަށް ދައްކާ ޚަލާސްކުރަން ޖެހެ އެވެ. ދިހަ ޕަސެންޓް ފައިސާ ވަކި މުއްދަތެއް ވަންދެން ހިފަހައްޓަނީ އިމާރާތުން މައްސަލައެއް ފެނިއްޖެ ނަމަ އެކަން ރަނގަޅުކުރާށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް އެތަން ހުޅުވުމެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކުރާއިރު، އެއީ އެފަދަ އިމާރާތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެތަން އިމާރާތް ކުރަން، ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.