އުތުރު ކޮރެއާ ސިފައިންގެ މީހަކު އަނެއްކާ ވެސް ދެކުނު ކޮރެއާ އަށް
އުތުރު ކޮރެއާ ސިފައިންގެ މީހަކު އަނެއްކާ ވެސް ދެކުނު ކޮރެއާ އަށް

އުތުރު ކޮރެއާގެ ސިފައިންގެ މީހަކު އަނެއްކާ ވެސް، ދެ ގައުމުގެ ދެމެދުގައިވާ ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދު (ޑީމިލިޓަރައިޒްޑް ޒޯން) ހުރަސްކޮށް ދެކުނު ކޮރެއާ އަށް ވަދެއްޖެ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، އުތުރު ކޮރެއާގެ ސިފައިންގެ މީހާ ދެކުނު ކޮރެއާ އަށް ވަނީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގަ އެވެ. އެއީ އިރު އަރައިގެން އައި ވަގުތު ދުންފިނީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުރި ވަގުތެއް ކަމުން، އޭނާގެ ހަރަކާތްތައް ފާހަގަ ކުރެެވުނީ، ދެކުނު ކޮރެއާ އަށް ވަން ފަހުންނެވެ.

މިއީ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް) ހުރަސްކޮށް އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އަށް މި އަހަރުގެ ތެރޭގައި އައި ހަތަރު ވަނަ މީހާ އެވެ. މިއަދު އޭނާ އެ ސަރަހައްދު މި ހުރަސްކުރީ، އުތުރު ކޮރެއާގެ ސިފައިންގެ މީހަކު ދެކުނު ކޮރެއާ އަށް ވަންނަނިކޮށް އުތުރު ކޮރެއާ ސިފައިން ހަމަލާދީ ޒަޚަމްކޮށްލި ހާދިސާ މުޅި ދުނިޔެ އަށް މަޝްހޫރުވެގެން ދިޔަތާ ދެތިން ހަފުތާ ފަހުންނެވެ.

މިއަދު ފަތިހު އުތުރު ކޮރެއާގެ ސިފައިން ބަޔަކު ދެ ކޮރެއާ ގުޅޭ ސަރަހައްދީ އިމާ ގާތަށް ޖެހެން ފެށުމުން ދެކުނު ކޮރެއާ ސިފައިން ވަނީ އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް 20 ފަހަރު ބަޑި ޖަހައިފަ އެވެ. ބަލެވޭ ގޮތުގައި އުތުރު ކޮރެއާ ސިފައިން ސަރަހައްދީ އިމާ ގާތަށް އައީ، އޭގެ ދެތިން ގަޑިއިރު ކުރިން ސަރަހައްދީ ރޮނގު ހުރަސްކޮށް ދެކުނު ކޮރެއާ އަށް އެތެރެވި ސިފައިންގެ މީހާ ފެނޭތޯ އެވެ.

ދެކުނު ކޮރެއާ އިން ބުނި ގޮތުގައި މިއަދު ހެނދުނު އެ ގައުމަށް އެތެރެވި އުތުރު ކޮރެއާ ސިފައިންގެ މީހާ ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގުގައި ސުވާލު ކުރަމުންނެވެ.

ދެކޮރެއާ ދެމެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯން އަކީ ސިފައިން އެންމެ ވަރުގަދަ އަށް ފޯރިމަރައި ބަލަހައްޓަމުންދާ އެއް ސަރަހައްދެވެ. މިއީ ދެ ގައުމުން ވެސް ކަށިނަރު ދަމައި ކަރަންޓު ނަރުދާ ޖަހައި ބިމުގައި މައިން ވަޅުލައި މުޅި ސަރަހައްދު ފެންނަ ގޮތަށް ސީސީޓީވީ ކެމެރާތައް ހަރުކޮށްގެން ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު، އުތުރު ކޮރެއާ ސިފައިންގެ މީހަކު އަސްކަރީ ޖިޕެއްގައި ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ދެކުނު ކޮރެއާ އަށް އެތެރެވީ އުތުރު ކޮރެއާ ސިފައިން ބަޑި ޖަހަމުން ދަނިކޮށެވެ. އޭނާ ދެކުނު ކޮރެއާ އަށް އެތެރެވީ ފަހުން ޒަޚަމްވެގެން ވެއްޓުނު އިރު އޭނާގެ ހަށިގަނޑަށް ފަސް އުންޑަ އަރާފައިވެ އެވެ.

އުތުރު ކޮރެއާގެ ސިފައިންގެ އިތުރުން އާންމުންގެ މީހުން ވެސް ކޮންމެ އަހަރަކު ދެކުނު ކޮރެއާ އަށް ވަގަށް އެތެރެވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކަނޑުމަގުން ހުރަސްކުރާ އިރު، ބައެއް މީހުން ދެކުނު ކޮރެއާ އަށް އެތެރެވަނީ ޗައިނާ އަށް ދިއުމަށް ފަހު އެވެ.