22 ޑިސެމްބަރ 2017 - 07:15

ހުކުރު ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ ބޮޑު ބަޖެޓް ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލިޒްކުރަން ވަރަށް ކައިރިވެފައި ވަނިކޮށް ފިލްމަށް ސިޔާސީ މައްސަލަތަކެއް ދިމާވެއްޖެ އެވެ.
މަހަރަޝްތުރަ ނަވްނިރްމަން ޗިތުރަޕަތު ސޭނާ (އެމްއެންސީއެސް) އިން ރުޅިގަދަވެގެން އުޅެނީ މަރާޓީ ދެ ފިލްމަށް އެއްވެސް ސިނަމާއަކުން ޖާގަ ނުދީ ހުރިހާ ސިނަމާއެއްގައި "ޓައިގާ ޒިންދާ ހޭ" އަޅުވާތީ އެވެ.
އެމްއެންސީއެސްގެ ރައީސް އަމޭ ކޮޕްކަރް ވިދާޅުވީ ކޮންމެ ގޮތަކުން ނަމަވެސް މަރާޓީ ފިލްމުތައް ކަމަށްވާ "ދޭވާ" އާއި "ގުއްޗީ" އަޅުވަން ބައެއް ސިނަމާތައް ލިބެން ޖެހޭނެ ކަމަށެވެ.
"އަހަރެމެން މިއުޅެނީ 'ޓައިގާ ޒިންދާ ހޭ' ނުވަތަ އެހެން އެއްވެސް ފިލްމަކާ ދެކޮޅަކަށް ނޫން. އަހަރެެމެން މި ބުނަނީ އެހެން ފިލްމުތައް ވެސް އެޅުވެން ޖެހޭނޭ. ކީއްވެހޭ ހުރިހާ ސިނަމާތަކެއްގައި އެއް ފިލްމެއް ދެއްކެންވީ،" ކޮޕްކަރް ވިދާޅުވި އެވެ.
އެމްއެންސީއެސް އިން މިގޮތަށް ވާހަކަ ދެއްކުމުން ކޮންގްރެސް އާއި ޝިވް ސޭނާ އިން ވަނީ ސިނަމާތަކުން ހުރިހާ ފިލްމަކަށް ވެސް އެއްވަރަކަށް ޖާގަ ލިބެން ޖެހޭނެކަމަށް ބުނެފަ އެވެ.
ސިނަމާތަކުގެ ވެރިން ވަނީ "ޓައިގާ ޒިންދާ ހޭ" އަށް ގިނަ ސިނަމާތަކެއް ދިން މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެމީހުން ބުނީ އެ ފިލްމަކީ ގިނަ މަސްތަކަކަށް ފަހު ރިލީޒްވާ ބޮޑު ބަޖެޓް ފުރަތަމަ ފިލްމު ކަމަށް ވާތީ އާއި މިއީ ފަހަރެއްގައި މި އަހަރު ވެސް ދެން ނުކުންނާނެ އެންމެ އަގު ބޮޑު ފިލްމަށް ވެދާނެތީ އެ ފިލްމަށް ގިނަ ސިނަމާތަކެއް ދޭން ޖެހޭ ކަމަށް ދެކޭ ކަމަށެވެ.
މި މަހު ރިލީޒްކުރަން ދެން އޮތީ ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެވެ. އެ ފިލްމު އަދިވެސް ސެންސަރު ބޯޑުގައި ތާށިވެފައިވާތި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ފިލްމު ރިލީޒް ކުރެވޭނެ ގޮތެއް ނެތެވެ.
ސިޔާސީ ޕާޓީތަކުން ބުނަނީ 'ޓައިގާ ޒިންދާ ހޭ"ގެ ޕްރޮޑިއުސަރުން ކަމަށްވާ ޔާޝް ރާޖް ފިލްމްސް އަށް އެގޮތަށް ތިއޭޓާތަކަށް އަތްގަދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
"އެމީހުން ހަނދާން ނައްތާލައިގެން ނުވާނެ މުމްބައިގައި ވެސް އެމީހުންގެ ފިލްމުތަކުގެ ޝޫޓިން ބާއްވާކަން. މި މައްސަލަ އެކަށީގެންވާ ގޮތަކަށް ހައްލު ނުކުރެވިއްޖެ ނަމަ ފިލްމުތަކުގެ ޝޫޓިންތައް ވެސް އަހަރެމެން ހުއްޓުވާނަން،" ކޮޕްކަރް ވިދާޅުވި އެވެ.
އެމްއެންސީއެސް އެކްޓިވިސްޓުން ބުނީ "ޓައިގާ ޒިންދާ ހޭ" އަށް 95 ޕަސެންޓް ސިނަމާތައް ހިފާފައިވާ ކަމަށެެވެ.